މިފްކޯ އިން އަލަށް ނެރުނު މަސްދަޅު "ޑްރެއިންޑް ޓޫނާ ޗަންކްސް" އެސްޓީއޯ އިން ބާޒާރުގައި ފުރަތަމަ ފަހަރަށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިފްކޯގެ އައު މަސްދަޅު "ޑްރެއިންޑް ޓޫނާ ޗަންކްސް" ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ މެނޭޖިންގެ ޑިރެކްޓަރ ހުސައިން އަމްރު އެވެ.
މިފްކޯ އިން ބުނީ، މި މަސްދަޅަކީ މިހާރު ބާޒާރުގައި ހުރި އެ ކުންފުނީގެ "ޗަންކްސް އިން އޮއިލް" މަސްދަޅަށް ވުރެ އަގުހެޔޮ އުފެއްދުމެއް ކަމަށެވެ.
މި މަސްދަޅަކީ ތެޔޮ މަދު، އެއްވެސް ވަރަކަށް ތެޔޮ އުކާލަން ނުޖެހޭ މަސްދަޅެއް ކަމުން ސީދާ ތެއްޔަށް އަޅާ ފަސޭހަކަމާއެކު ކެއްކޭނެ އެވެ. އަދި، މި މަސްދަޅުން ވަގުތުން ސޭންޑްވިޗް އާއި ޕަނީނޯ ފަދަ ތަކެތި ފަސޭހަކަމާއެކު ތައްޔާރުކުރެވޭނެ އެވެ.
އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މި މަސްދަޅު، މިފްކޯ އިން އެންމެ ފުރަތަމަ ދައްކާލައިފައިވަނީ މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ބޭއްވި އެފްއެންބީ ޝޯ ގައެވެ.
މިފްކޯ އަކީ އެސްޓީއޯގެ ލީސިންގ ޕާޓްނަރަކަށް ވުމާއެކު، އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކެއް ވެސް އެސްޓީއޯ އިން ލިބޭނެ އެވެ. މީގެއިތުރުން، އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އެހެނިހެން އުފެއްދުންތައް ވެސް ދަތިކަމެއް ނެތި އެސްޓީއޯގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
