ކުޅަނދު ހެފުމޭ އަހަރެމެން ކިޔާ އުޅެނީ ކޮންމެހެން އެސޮރު އަހަރެމެންގެ ގައިގައި ހަފައިގެން ނުވަތަ ދަތް އަޅައިގެންނެއް ނޫނެވެ. ނަމަވެސް އެސޮރު ކަށި ޖަހައެވެ. މިގޮތަށް ކުޅަނދުރު ކަށި ޖެހުމުން، ކުޅަނދުރު ހެފުމޭ ކިޔައެވެ. ކުޅަނދުރު ހެފުމަކީ ބައެއްމީހުންނަށް އޭގެ ސަބަބުން ބޮޑެތި ވޭންތަކެއް ލިބި، ދުޅަވެ، ދިލަނެގުންފަދަ ކަންކަން ކުތިމަތިވެދާ ކަމެކެވެ.

ކުޅަނދުރު ހެފުމުން އެސޮރުގެ ކަށީގައި ހުންނަ ވިހަތައް އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށް ދޫވެގެން ދެއެވެ. އެހެންކަމުން އެ ވިހަތަކާއި ނުވަތަ އެ ވިހަ މާއްދާތަކާއި ދެކޮޅަށް އަހަރެމެންގެ ހަށިގަނޑު "ހަނގުރާމައެއް" އިއުލާނު ކުރެއެވެ. އެ ވިހަ މާއްދާ ނައްތާލުމަށާއި އެ ވިހައިން އިންސާނާއަށް، އިންސާނާގެ މުޅި ހަށިގަނޑަށް ގެއްލުމެއް ވިޔަ ނުދިނުމަށް ހަށިގަނދުގެ ދިފާއީ ނިޒާމުން މަސައްކަތްތަކެއް ކުރެއެވެ. ކުޅަނދުރު ހެފުމުން ދެން އެ ފެންނަ ކަންތައްތަކަކީ މި މަސައްކަތްތަކުގެ ނަތީޖާއެވެ.

ކުޅަނދުރުގެ ކަށީގައި ހުންނަ ވިހަ އަކީ ފެނަށް ގިރޭ ވިހައެކެވެ. އިންސާނާގެ ހަށިގަނޑުގެ 60 އިންސައްތަ އަކީ ފެނުގެ ތާސީރެވެ. އެހެންކަމުން ކުޅަނދުރުގެ ކަށީގައި އެ ހުންނަ ވިހަ އަކީ ފަސޭހަ ކަމާއެކު، ހަށިގަނޑުގައި ފެތުރިދާ ވިހައެކެވެ. މި ވިހައިގެ އަސަރު އެކި މީހުންނަށް ކުރަނީ އެކި މިންވަރަށެވެ.

ފަސޭހަ ކަމާއެކު ފެތުރިދާނޭ ވިހައެއް ކަމުގައި ކުޅަނދުރު ކަށީގެ ވިހަ ވީނަމަވެސް، ހަށިގަނޑުގެ ދިފާއީ ނިޒާމު، އެކަމުގައި އަދާކުރަނީ ވަރަށްވެސް ފުރިހަމަ ދައުރެކެވެ. ކުޅަނދުރު ކަށި ޖަހާ ހިސާބުން، އެ ކަށި ޖެހި ތަނަކަށް، ލޭގެ ތެރޭގައި ހުންނަ ހުދުލޭ ހަތާތަށް ދަތުރުކުރާން ފަށައެވެ. މި ހުދުލޭ ހަތާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ހަތާތަކެވެ. ހުދުލޭ ހަތާތައް، އެ ސަރަހައްދަށް ޖަމާވެ، އެ ވިހަތަކާއި ދެކޮޅަށް "ހަނގުރާމަ" ކުރެއެވެ. މި "ހަނގުރާމައިގެ" ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދު ރަތްވެ، ދުޅަވެ، އަދި އެ ސަރަހައްދުގައި ހޫނު ކަމެއް އިހުސާސް ކުރެވިދާނެއެވެ. މިފަދައިން ހުދުލޭ ހަތާތައް އެ ވިހަ އާއި ދެކޮޅަށް މަސައްކަތް ކުރުމުން، މުޅި ހަށިގަނޑަށް، އެ ވިހައިގެ އަސަރު ނުކޮށް، ހަމައެކަނި އެ ސަރަހައްދުގައި އެ ވިހަ ހުރެ، ނެތިވެ ދެއެވެ.

ކުޅަނދުރުގެ ކަށިން، އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އެދާ ވިހަ މާއްދާ އަކީ "މެލިއްޓިން" ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ "ސައިޓޯޓޮކްސިކް" ނަމަކަށް ކިޔާ ވިހަ މާއްދާއެއްގެ ވައްތަރެކެވެ. އަދި މިއީ ލޭގެ ތެރޭގައި ހުންނަ ރަތުލޭ ހަތާތަަކަށް އަނިޔާކޮށް، ރަތުލޭ ހަތާތައް މަރާލުމުގެ ގާބިލުކަންވެސް ލިބިފައިވާ މާއްދާއެެކެވެ. އެހެނީ މި މާއްދާގެ ސަބަބުން ރަތުލޭ ހަތާތަކުގެ ބޭރު ފާރު ހަލާކުކޮށް ނެތި ކޮށްލައެވެ. ނަމަވެސް މި ވިހަ މާއްދާއަށް އެފުރުސަތު މުޅިންހެއް ނެތިކޮށްލަނީ ހުދުލޭ ހަތާތަކުގެ އެހީގައެވެ.

އިސްވެ ބުނެވުނު ފަދައިން ހުދުލޭ ހަތާތަކުން ކުރާ "ހަނގުރާމައެއްގެ" ސަބަބުން ދުޅަވެ ރަތްވާ ގޮތް ވާއިރު، އެކަމަށް މަގުފަހިކޮށްދެނީ "ހިސްޓަމިން" ނަމަކަށް ކިޔާ މާއްދާއެކެވެ. ކުޅަނދުރު ކަށި ޖެހުމާއި އެކު ހަށިގަނޑުގައި މި މާއްދާ އުފެދި ގިނަވާން ފަށައެވެ. މި މާއްދާގެ ސަބަބުން ލޭހޮޅިތަކުގެ ޖާގަ ބޮޑުވެ، ތަނަވަސްވެއެވެ. އެހެންކަމުން، ކުޅަނދުރު ކަށި ޖެހި ސަރަހައްދަށް ޖަމާވާ ހުދުލޭ ހަތާތަކާއި ފެނުގެ މިންވަރު އިތުރުވެދެއެވެ. ކަން މިހެން ވުމުން، އެ ސަރަހައްދަށް ޖަމާވާ ހަތާތަކުގެ އަދަދު ގިނަވެ ފެނުގެ މިންވަރު އިތުރުވުމުން، ލޭހޮޅިން ފެން ބޭރުވެ، ހަތާރުތަކުގެ ދޭތެރެއަށް އެޅެއެވެ. މިއީވެސް ދުޅަވާން ދިމާވާ ސަބަބެކެވެ.

ޤުދުރަތީގޮތުން ފައްކާވެފައިވާ މި ނިޒާމަކީ އަޖައިބެއްކަހަލަ ނިޒާމެކެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން ނޫން ކަމެއް މިކަމުން އަހަރެމެންނަށް އެނގޭ ހެއްޔެވެ؟ އިންސާނަގެ ސިއްޙަތާއި މި ސިއްޙަތުގެ ނާޒުކު ކަމާއި، މި ސިއްޙަތު ރައްކާތެރި ކުރައްވާނޭ އަޖައިބުކުރަނި ނިޒާމުތައް، އިންސާނުންނާއި އެކު، މާތް ﷲ މި ވަނީ ލައްވަވާފައެވެ!