މިހާރު ކުރިއަށްދާ އެންބީއޭ ފައިނަލްސްގެ ހަވަނަ މެޗުގައި ބޮސްޓަން ސެލްޓިކްސްގެ މައްޗަށް 103-90 އިން ކުރިހޯދައި، ގޯލްޑަން ސްޓޭޓް ވޯރިއާސް އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ވޯރިއާސް އިން އެންބީއޭ ޗެމްޕިއަންކަން ހޯދީ ހަތްވަނަ ފަހަރެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ލޮސް އެންޖެލަސް ލޭކާސް އާއި ބޮސްޓަން ސެލްޓިކްސް އަދި ޝިކާގޯ ބުލްސް އެވެ. ލޭކާސް އާއި ސެލްޓިކްސް 17 ފަހަރު އެންބީއޭގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، ބުލްސް ވަނީ 8 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއީ ވޯރިއާސް އިން މިދިޔަ 8 ސީޒަނުގެ ތެރޭގައި އެންބީއޭގެ ޗެމްޕިއަންކަން ހޯދީ ހަތަރުވަނަ ފަހަރު ވެސް މެއެވެ.
ވޯރިއާސް އިން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންބީއޭ ފައިނަލްސްގެ ބެސްޓް އޮފް ސެވަން ސީރީޒް 4-2 އިން ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު އެންބީއޭ ފައިނަލްސްގައި ބެސްޓް އޮފް ސެވަން ސީރީޒްގައި ކުޅުނު ފަސް މެޗަށް ފަހު ވޯރިއާސް އޮތީ 3-2 އިން ކުރީގައެވެ. ފުރަތަމަ ތިން މެޗަށްފަހު ބޮސްޓަން އޮތީ 2-1 އިން ކުރީގައެވެ. މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ފުރަތަމަ މެޗުން 120-108 އިން ބޮސްޓަން މޮޅުވެފައިވަނިކޮށް، ވޯރިއާސް އިން ވަނީ ދެން ކުޅެވުނު މެޗުގައި 107-88 ގެ ތަފާތަކުން މޮޅުވެ 1-1 އިން ސީރީޒް އެއްވަރުކޮށްފައެވެ. އެކަމަކު، ދެން ކުޅެވުނު ތިންވަނަ މެޗުން އަނެއްކާވެސް ބޮސްޓަން ވަނީ 116-100 އިން ކާމިޔާބުކޮށް، ސީރީޒްގައި 2-1 އިން ކުރިހޯދާފައެވެ. އެއަށްފަހު، ސެން ކުޅެވުނު ހަތަރު ވަނަ މެޗު 107-97 އިން ކާމިޔާބުކޮށް، ވޯރިއާސް އިން ސީރީޒްގައި 2-2 އިން އެއްވަރުކުރިއެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު މެޗު ވެސް ވޯރިއާސް އިން ވަނީ 104-94 އިން ކާމިޔާބުކޮށްފައެވެ.
ބޮސްޓަންގެ ޓީޑީ ގާޑްންގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ އަށް ފަހު ވޯރިއާސް އޮތީ 27-22 އިން ކުރީގައެވެ. ދެން ޖެހިގެންއައި ދެވަނަ ކުއާޓާގައި ވެސް ވޯރިއާސް އިން 27-17 އިން ކުރިހޯދިއެވެ. މިއާއެކު، ފުރަތަމަ ދެ ކުއާޓާ އަށް ފަހު ވޯރިއާސް އިން ލީޑް ކުރަމުން ދިޔައީ 54-39 އިންނެވެ.
ސެލްޓިކްސް އިން ދެން ޖެހިގެންއައި ތިންވަނަ ކުއާޓާ ގެންދިޔައީ 27-22 އިންނެވެ. އެކަމަކު، ވޯރިއާސް އިން ވަނީ ދެން ޖެހިގެންއައި ހަތަރުވަނަ ކުއާޓާގައި 27-24 ގެ ތަފާތަކުން ކުރިހޯދައި، 13 ޕޮއިންޓްގެ ފަރަގަކުން އެންބީއޭގެ ޗެމްޕިއަންކަން ހޯދާފައެވެ.
ވޯރިއާސް އަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ 34 ޕޮއިންޓާއެކު، 7 އެސިސްޓް އަދި 7 ރީބައުންޑް ނެގި ސްޓެފް ކަރީ އެވެ. އެންބީއޭ ފައިނަލްސްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެމްވީޕީ އެވޯޑް ލިބުނީ ވެސް އޭނާ އަށެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އެންޑްރޫ ވިގިންސް 18 ޕޮއިންޓް އެއްކޮށްދިންއިރު، ޖޯޑަން ޕޫލް ވަނީ 18 މިނެޓުގެ ތެރޭގައި 15 ޕޮއިންޓާއެކު، 2 އެސިސްޓް އަދި 3 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން، އެ ޓީމުގެ ޑްރޭމަންޑް ގްރީން ވަނީ 12 ޕޮއިންޓާއެކު، 8 އެސިސްޓް އަދި 12 ރީބައުންޑް ނަގާފައެވެ.
ސެލްޓިކްސް އިން އެންމެ ރަނގަޅަށް ކުޅުނީ ޖޭލެން ބްރައުން އެވެ. އޭނާ ވަނީ 34 ޕޮއިންޓާއެކު 7 ރީބައުންޑް ނަގާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 19 ޕޮއިންޓާއެކު 14 ރީބައުންޑް ނެގި އަލް ހޯފޯޑް އެވެ. މިފަހަރުގެ އެންބީއޭ ފައިނަލްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭސަން ޓެޓޫމް އަށް މި މެޗުގައި ތަފާތު ނުދެއްކުނެވެ. ޓެޓޫމް އަށް 13 ޕޮއިންޓް އެއްކުރެވުނުއިރު، 7 އެސިސްޓް ހެދިއެވެ.
