ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލަން ލިވަޕޫލުން އެއްބަސްވެއްޖެއެވެ.
މީގެކުރީން، މާނޭ، 30، ގެނައުމަށްޓަކައި ބަޔާނުން ކުރި ދެ ބިޑެއް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ލިވަޕޫލުން ބުނިގޮތުގައި މާނޭ ވިއްކާލަނީ 32 މިލިއަން ޔޫރޯ (27.4 މިލިއަން ޕައުންޑް) އަށް ކަމަށާއި، ބޯނަސްތަކާއެކު އަގު 41 މިލިއަން ޔޫރޯ (35.1 މިލިއަން ޕައުންޑް) އަށް އަރާނެ ކަމަށެވެ.
ސައުތެމްޓަނުން 2016 ވަނަ އަހަރު 41.2 މިލިއަން ޔޫރޯ އަށް ލިވަޕޫލަށް ބަދަލުވެ، މާނޭ ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 269 މެޗުގައި 120 ލަނޑުޖަހާފައެވެ. މީގެތެރެއިން، ޕްރިމިއާ ލީގުގައި ވަނީ 90 ލަނޑުޖަހާފައެވެ. އަދި މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއްގައި އެ ޓީމަށް 23 ލަނޑުޖަހައިދީފައިވެއެވެ.
ލިވަޕޫލާއެކު ހޭދަކުރީ ހަ ސީޒަނުގައި އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޕްރިމިއާ ލީގާއި، ޔުއެފާ ސުޕަކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން އިނގިރޭސި އެފްއޭކަޕް އަދި އިނގިރޭސި ލީގު ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން، މާނޭ ވަނީ ސެނެގޯލް ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 89 މެޗުގައި 31 ގޯލް ޖަހާފައެވެ. އަދި އެ ޓީމާއެކު އޭނާ ވަނީ އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އުފުލާލައިފައެވެ. މީގެއިތުރުން، ގަތަރުގައި މި އަހަރުގެ ފަހުކޮޅު އޮންނަ ފީފާ ވޯލްޑް ކަޕުން ސެނެގޯލަށް ޖާގަ ހޯދައިދިނުމުގައި މާނޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ބަޔާނުން، މާނޭ ގެނައީ އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، އެ ޓީމު ދޫކޮށްލަން ބޭނުންވާކަމަށް މީޑިއާގައި ތަކުރާރުކޮށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
