ނިތްކުރީގައި ރިއްސުމަކީ ނުތަނަވަސް ކުރުވާ، ތަދުކުރުވާ، އަދި ވިސްނުމާ ހިޔާލުކުރުން "ފޭރިގަންނަ" ފަދަ އުނދަގޫ އިހުސާސްތަކެއް ކުރުވާ ރިއްސުމެކެވެ. އެކަމުގެ ސަބަބުން މުޅި ދުވަހު ކަންކަމަށް ސަމާލުކަން ދީގެން ކަންކަން ކުރުން އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނިއްކުރީގައި ރިއްސުމަކީ ގިނަ ފަހަރަށް މާ ބޮޑު ސިއްހީ ކަމަކާއި ގުޅުމެއް ނެތް ކަމެއް ނަމަވެސް، ބައެއް ހާލަތްތަކުގައި ނުރައްކާތެރި ކަންކަމާއިވެސް ގުޅިފައި ހުރެދާނެއެވެ.
މި ލިޔުމުގައި ނިތްކުރީގައި ރިއްސުމުގެ އާންމު ވައްތަރުތަކާއި، އެކަން ދިމާވާ ސަބަބު ތަކަށް ބަލައިލާނަމެވެ.
ނިތްކުރިމަތީގައި ރިއްސާ ރިއްސުމުގެ ވައްތަރުގެ ސަބަބުން ބޮލުގެ އެތެރޭގައި ހިނގާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ކިޔައިދެވިދާނެ އެވެ. އޭގެ ތެރެއިން ވިންދު ޖަހާހެން ރިހޭ ރިހުމަކީ، ވިންދުޖަހާ ނުވަތަ ރާޅުތަކެއްގެ ގޮތުގައި އަންނަ ކަހަލަ އިހުސާސެއް ކުރެވިދާނެ ރިހުމެކެވެ. ބައެއް ފަހަރަށް ބަރުކަމެއްހެން އިހުސާސް ވުމާއި، ސީދާ ނިތްކުރިއަށް ވަރަށް ބޮޑު ބުރަކަމެއް ލިބިފައިވާހެން ހީވެދާނެއެވެ. އެއީ ފަރުވާ ނުލިބިއްޖެނަމަ ދިގުދެމިގެންދާ އަދި ގިނަ އިރުތަކެއް ވަންދެން ދެމިގެންދާ ރިހުނަކަށް ވެދާނެއެވެ. މިބާވަތުގެ ރިއްސުމަކީ މައިގްރެއިން، ހެންގްއޯވަރ، ޓެންޝަން، ނުވަތަ އެނޫންވެސް މައްސަލަތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
ނިއްކުރިއަށް ތޫނު، ކައްޓެއް ޖަހާ ކަހަލަ ނުވަތަ ކަށި ހަރާ ކަހަލަ އިހުސާސެއް ކުރެވޭ ގޮތަށް ރިއްސުން ކުރިމަތިވެދާނެ އެވެ. މިއީ ގިނަ ފަހަރަށް މުއްދަތު ކުރު ނަމަވެސް ބައެއް ފަހަރަށް ނުރައްކާތެރި ކަމަކަށް މަގުފަހި ކުރުވަފާނޭ ކަމެކެވެ. ސިކުނޑި ފްރީޒް (ގަނޑު) ވުމާއި ފިނި އެއްޗެއް ކެއުމުން ނުވަތަ ބުއިމުން ދިމާވާ އެ ވޭންހުރި އިހުސާސަކީ، މިފަދަ ތޫނު އިހުސާސްތަކެއް ކުރުވާގޮތަށް ބޮލުގައި ރިއްސުން ހުންނަ އާންމު ސަބަބުތަކެވެ. އެނިއުރިޒަމް ފަދަ، ނުވަތަ މިއަށްވުރެ ނުރައްކާތެރި މައްސަލަތައް ވެސް، ސަބަބެއްގެ ގޮތުގައި ދިމާވެދާނެ އެވެ. ނަމަވެސް މިއީ މަދުން ދިމާވާ ކަންކަމެވެ.
ތެޅެމުންދާ ރިހުން ފަދައިން ކުއްލި ގަދަ ބާރަކާއި އެކު ރިހޭ ރިހުމަކީވެސް މެދުނުކެނޑި އިހުސާސް ކުރެވޭ ރިހުމެކެވެ. ނަމަވެސް މި ރިހުމުގައި ނިތްކުރިން ދުރަށް ވޭނުގެ އަސަރުތައް ކުއްލި ގަދަ ރިހުމާއި އެކު ދަތުރުކުރާހެން ހީވެދާނެ އެވެ. މިބާވަތުގެ ރިހުން އާންމުކޮށް ދިމާވަނީ ލޭމައްޗަށް ދިއުމާއި އަދި އިންފެކްޝަން ނުވަތަ ޖަރާސީމު އަށަގަތުން ފަދަ ހާލަތްތަކުގައެވެ.
ނިތްކުރިގައި ރިއްސުމަކީ ގިނަ ފަހަރަށް ހުން އައުން ނުވަތަ ބޮލުގައި ރިއްސުން ފަދަ އާންމު ބައްޔެއްގެ ނުވަތަ މައްސަލައެއްގެ އަލާމާތެކެވެ. އަދި ބައެއް އެހެން ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
. އިންފެކްޝަން. ސައިނަސް އިންފެކްޝަނެއްގެ ސަބަބުން އާންމުކޮށް ބޮލުގައި ރިއްސުމާއި މޫނުގައި ރިއްސުމާއި އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެއެވެ. ހުން އައުމުން ނުވަތަ ރޯގާ ޖެހުމުން ވެސް މި އަލާމާތް ފެނިދާނެ އެވެ.
. އިންފެލެމޭޝަން. ބޮލަށް ބަރުވެ ދުޅަވުމަކީ ނިތްކުރިއާއި މޫނުގެ ވަށައިގެންވާ ޕްރެޝަރު އިތުރުކޮށްދޭ ކަމެކެވެ. މިއީ ބަލިވެ އިނުމުގެ ސަބަބުން ނުވަތަ ބޮލާއި ކަރުގެ މަޑު ހަތާރުތަކުގައި ފެން ހުންނަ މިންވަރު އިތުރުވުމުން ދިމާވާ ކަމެކެވެ.
. ހޯރމޯންތަކަށް އަންނަ ބަދަލުތަކެވެ. ހޯރމޯންތަކުގެ ސަބަބުން އަހަރެމެންގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާއިރު، ކުއްލިއަކަށް އަންނަ ބަދަލުތަކާއި އެކު ބޮލުގައި ރިއްސުން ނުވަތަ ނިއްކުރީގައި ރިއްސުން ފަދަ އަލާމާތްތައް ފެނިދާނެއެވެ.
. ލޮލުގައި ރިއްސުން. ކިޔެވުމާއި، ކޮމްޕިއުޓަރު ބޭނުންކުރުމާއި، ނުވަތަ ކުޑަ ސްކްރީނަކަށް ގިނައިރު ބެލުމަކީ ނިތްކުރިމަތީގައި ވޭންހުރި އުނދަގުލެއް ކުރިމަތިވެދާނެ ކަމެކެވެ.
. މެނިންޖައިޓިސް އެވެ. ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މެނިންޖައިޓިސް އަކީ ވެސް ނިތްކުރީގައި ރިއްސުމަށް މެދުވެރިވާ ސަބަބެކެވެ. މި އިންފެކްޝަން އުފެދެނީ ސިކުނޑިއާއި ބުރަކަށީގެ ނާރު ވަށައިގެންވާ ފެން ކޮތަޅުގައެވެ. މި އިންފެކްޝަނަކީ ނުރައްކާތެރި ހާލަތެއް ކަމުން ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހެ އެވެ.
. އެނިއުރިޒަމް އެވެ. ސިކުނޑީގައި އެނިއުރިޒަމް އުފެދިއްޖެނަމަ އޭގެ އަލާމާތްތައް ފެނިދާނެއެވެ. އެ ބޮލުގައި ރިއްސާތީ މަޑު ޓިޝޫތަކަށް ޕްރެޝަރު އުފެދިދާނެ ކަމަށާއި، އެކަމުގެ ސަބަބުން ބޮލުގައި ދިގުދެމިގެންދާ ރިއްސުމެއް ކުރިމަތިވެދާނެ ކަމަށެވެ. އެނިއުރިޒަމް އަކީ ލޭހޮޅިއެއްގެ ތަންކޮޅެއް ފުފި، ދުޅަވެ، އެތަންކޮޅެއް ފަޅައިގެން ދިއުމެވެ.
. ސްޓްރޯކް. މަދުން ނަމަވެސް ކުއްލިއަކަށް ތޫނުކޮށް ނިތްކުރީގައި ރިއްސުމަކީ ސްޓްރޯކެއް ޖެހިފައިވާ ކަމުގެ އަލާމާތަކަށްވެސް ވެދާނެއެވެ.
މިއީ ބައެއް ސަބަބުތައް ކަމުގައި ވީނަމަވެސް މިނޫން ސަބަބުތައްވެސް ވެދާނެއެވެ. ބޮލުގާ ރިހޭ ގޮތާއި ސަބަބުތަކާއި ގުޅުމެއް ވެއެވެ. ސަމާލުވެ ފަރުވާތެރިވުމަކީ ކޮންމެ މީހެއްގެ ޒިންމާއެކެވެ. އެމީހެއްގެ ސިއްހަތާއިމެދު އެންމެ ބޮޑަށް ބަލާނޭ މީހަކީ ހަމަ އެމީހެކެވެ.
