ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ސިއްހީ އާލާތްތަކެއް ހަދިޔާކޮށްފި އެވެ. މިކަމަށްޓަކައި މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކާއި، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނޭ ކަމަށެވެ.
މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ސިއްހީ ބައެއް އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ޕީސީއާރުޓެސްޓްކިޓާއި ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000އަށް ވުރެ ގިނަ ކާޓްރިޖް އެ ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށީ މިދިޔަ ޖުލައިމަހުގެ ފަހުކޮޅުގަ އެވެ. އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށީ އޭރުން ފެށިގެންނެވެ. ރާއްޖޭން މިހައިތަނަށް އެބަލީގެ ކޭސްތައް އެންމެ ގިނައިން ފެނުނީ މިދިޔަ އޮގަސްޓްމަހު އެވެ.
މި މަހު ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް ސިއްހީ މާހިރުުން ވިދާޅުވެފައި ވަނީ ކޮވިޑްގެ ކޭސްތައް ފެންނަ ވަރު މަދުވިޔަސް ރާއްޖެ އަދި ގްރީން ޒޯނަށް ނުދާ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ، ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު އިންޑިކޭޓާސްތަކަށް ބަލާއިރު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ކޮޮމިއުނިޓީ ސްޕްރެޑެއް އޮތީ މާލޭގައި އެކަނި ކަމަށް ވިޔަސް އެބަލީގެ ކޭސްތައް ރާއްޖޭގެ 26 ރަށަކާއި 15 ރިސޯޓަކުން ވެސް ވަނީ ފެނިފަ އެވެ.