ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް އިންޓަ މިލާނުގެ ސީއީއޯ ޖިސެއްޕެ މަރޮއްޓާ ބުނެފި އެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކުރީން އިންޓަ އަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް ލުކާކޫ ހުރީ މިހާރު ޗެލްސީގައި އޭނާ އަށް ލިބެމުން އަންނަ މުސާރަ އަށްވުރެ ކުޑަ މުސާރަ އަކަށް ވެސް އެ ޓީމަށް އަންނަން ތައްޔާރަށެވެ.

"ލުކާކޫ އާއި ޑިބާލާ އަކީ އަހަރެމެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިން." މަރޮއްޓާ ބުންޏެވެ.

މަރޮއްޓާ ބުނީ އަރުމީނިއާގެ ވިންގާ ހެންރިކް މިކިތާރްޔަން އާއި ކެމަރޫންގެ ގޯލްކީޕަރު އަންދްރެ އޮނާނާ ވެސް އިންޓަ އަށް ބަދަލުވަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

"މާލީ ގޮތުން އަހަރެމެންނަށް އޮތް ގޮންޖެހުންތަކާއެކު ވެސް ލުކާކޫ އާއި ޑިބާލާ އާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެއީ ލިބޭނެ ބޮޑު އުފަލެއް،"

"އެކަމަކު، މީގެއިން ކުޅުންތެރިއަކު ނުގެނެވިއްޖެނަމަ، ބަދަލުގައި އެހެން ކުޅުންތެރިން ހޯދާނަން." މަރޮއްޓާ ބުންޏެވެ.

އިންޓަ އަށް މާލީގޮތުން އޮތް ގޮންޖެހުންތަކާއެކު ދާއިމީ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ގެންދިއުމުގެ ގާބިލްކަމެއް ނެތެވެ. އެހެންކަމުން، އެ ޓީމުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީން ލުކާކޫ ގެނައުމުގެ މަޝްވަރާތައް ފަށާފައެވެ.

ލުކާކޫ، 29، ވަނީ އިންޓަ އިން 2021 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު، ޖެހިގެންއައި ސީޒަނަށް 97.5 މިލިއަން ޕައުންޑްގެ ފީ އަކަށް ޗެލްސީއާ ގުޅުމަށްފަހު އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އޭގެނަތީޖާއެއްގެ ގޮތުން، ގިނަ މެޗުތަކުގައި އޭނާ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތު ނުލިބުނެވެ.

މީގެއިތުރުން، އިންޓަ އިން ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ޑިބާލާ، އެ ޓީމާ ގުޅޭނީ ހިލޭ ޓްރާންސްފާއެއް ގައެވެ. ޔުވެންޓަސް އާއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އެ ޓީމާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައި ކުރިއެރުމެއް ނުލިބުމުން އޭނާ ގަސްދުކޮށްފައިވަނީ އިޓަލީގެ ވަރުގަދަ އެހެން ކްލަބަކާ ގުޅުމަށެވެ.