ފޯރިގަދަ، ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ވެމްކޯ ބަލިކޮށް ސްޕޯޓްސް ކްލަބް ސިޓީން ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ ސިޓީންނެވެ. އެ ޓީމުން އެ މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ގެ މޮޅު ކުޅުމާއެކު 25-15 އިން ގެންދިޔައީ ވެމްކޯ އިންނެވެ.
އެކަމަކު، ދެން ޖެހިގެންއައި ދެ ސެޓު 25-19 އާއި 25-19 އިން ގެންގޮސް ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެ ޓީމުން މި ދެ ސެޓް ކާމިޔާބުކުރިއިރު ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނާޔަކް ރޮކާޑޭ، ހަރްދީޕް ސިންގް އަދި ވިނީތު ކުމާރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ނަމަވެސް، ދެން ޖެހިގެންއައި ހަތަރުވަނަ ސެޓުގެ މެދުތެރެއިން ވެމްކޯ އިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ކުޑަކާއްޓެ އާއި އިންޑިއާގެ ސެންޓަ ބްލޮކަރު އަޝްވަލް ރާއީގެ މޮޅު ކުޅުމާއެކު ވެމްކޯ އިން މި ސެޓް ގެންދިޔައީ 25-23 އިންނެވެ.
ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓު ފަށައިގެން، ހަރްދީޕް ދެއްކި މޮޅު ކުޅުމާއެކު ސިޓީން ކުރީކޮޅުގައި ލީޑެއްނެގިއެވެ. އެކަމަކު، ފަހުން 5-5 އިން އެއްވަރުވެ، ދެން ދެ ޓީމަށް ވެސް މާބޮޑު ތަފާތެއް ނުދެއްކި ދިިޔައީ ވަރަށް ހަމަހަމަކޮށެވެ. ސިޓީން މި މެޗު ކާމިޔާބުކުރުމުގައި ތަފާތު ދެއްކީ ވިނީތު އާއި ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެވެ. އެއާއެކު، ސިޓީން ފަސްވަނަ ސެޓު ގެންދިޔައީ 19-17 އިންނެވެ.
މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ބަލާއިރު، ޑްރީމް ޓީމުގައި ހިމެނުނީ؛ ސިޓީގެ ހުޒަންޓެ، ހުސެއިން ޔޫސުފް (ޓޯއި)، ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)، ހުސެއިން ޝާހިދު (ޝާޑު)، ގުޑީސް ސްޕޯޓްސް ކްލަބުގެ ހަސަން ނިލާމް (ޕާޓޭ)، ވެމްކޯގެ އާދަމް ފައިރޫޒް އަދި ޕޮލިހުގެ މުހައްމަދު ނައީމް (ނައިންޓެ) އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިޓީގެ ނަލަ ހުސެއިން ޝަރީފް އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޕޮލިހުގެ މާއިޝް އަހުމަދު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯގެ ކުޑަކާއްޓެ އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިޓީގެ ވިނީތު އެވެ.
