މިއަދުގެ ލިޔުން މި ޚާއްސަކޮށްލަނީ ބަރުދަން ލުއިކުރަން މަސައްކަތްކޮށް ވެސް އެދެވޭ ނަތީޖާ ނުލިބިގެން މާޔޫސްވެފައިވާ ފަރާތްތަކަށެވެ. ޑަޔަޓްކުރަން އުނދަގޫވެފައި ގަވާއިދުން ކަސްރަތުކުރަން އަދި މާ އުނދަގޫވާ ފަރާތްތަކުން މިލިޔުން ކިޔާލާށެވެ. ވަރަށް ފަސޭހައިން ސަރުބީވިރުވާލެވޭނެ ގޮތެއް އެބަ އޮތެވެ. އެއީ ނިދާ ގަޑީގައި ހަޖަމްކުރުމުގެ ނިޒާމް އަވަސްކޮށްދޭ ބުއިމެއް ބޮއިގެންނެވެ.
"ބަރުދަން ލުއި ކުރެވޭނީ ހަޖަމްގެ ނިޒާމް ރަގަޅަށް މަސައްކަތްކޮށްގެން"
އަޔުރްވެދާގެ ތަޖުރިބާކާރު، ޑޮކްޓަރު އަޝުތޯޝް ގޯތަމް
ބަރުދަން ލުއިކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހަޖަމްގެ ނިޒާމް ރަގަޅު ކުރުމެވެ. އެހެންކަމުން ހަޖަމުގެ ނިޒާމް ރަގަޅުކުރުމާއި އެކު ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ 6 ބުއިމެއް ހިމަނާލާނަމެވެ.
-
ފޮނިތޮށި ސައި

ފޮނިތޮއްޓަކީ ސިއްޙަތަށް ފައިދާހުރި އެތައް ބައިތަކަކުން ފުރިފައިވާ އެއްޗެކެވެ. ތަފާތު އެތައް އެންޓިއޮކްސިޑެންޓް އަދި އެންޓިބަޔޮޓިކް އަކުން މުއްސަނދިވެފައިވާ ފޮނިތޮށީގައި ސައި ހަދައިގެން ބުއިމުން ނިދާފައި އޮންނަގަޑީގައިވެސް ހަށިގަނޑުން ވިހަބޭރުކޮށްދިނުމުގެ އިތުރުން ސަރުބީވިރުވާލުމަށް އެހީތެރިވާނެއެވެ. ހޫނުފެންތައްޓެއްގެ ތެރެއަށް 1 ސަމުސާ ފޮނިތޮށި ޕައުޑަރ އެއްކޮށްލުމަށްފަހު މަތިޖަހާފައި 30-20 މިނިޓް ބަހައްޓާފައި ބޯލާށެވެ. ރަހަމީރުކޮށްލަން ބޭނުންނަމަ ސައިގެ ތެރެއަށް މާމުއި ފޮދެއް އެއްކުރާށެވެ. ނިދަން އޮށޯތުމުގެ ބައިގަޑިއިރު ކުރިން މި ބުއިން ބޯންވާނެއެވެ.
-
އޯބަތް ފެން

އޯބަތަކީވެސް ބަރުދަން ލުއިކުރުމުގައި ވަރަށްބޮޑުއެހީތެރިކަމެއް ވެދޭނެ އެއްޗެކެވެ. ގަވާއިދުން އޯބަތް ބޭނުންކުރާނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ހޫނެއް އުފައްދާނެއެވެ. އަދި މި ހޫނުގެ ސަބަބުން ސަރުބީވިރުވުމަށް އެހީތެރިވެދޭނެއެވެ. 1 ސަމުސާ އޯބަތް ވަނަކަށް އަޅާފައި ކުޑަކޮށް ތަޅާލުމަށްފަހު އެއްތަށި ފެނުގައި ކައްކާށެވެ. ކެކިގަތުމުން 10 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ފުރާނާލައިގެން ބޯށެވެ. 2 ހަފްތާ ވަންދެން ބޯއިރަށް އެދެވޭ ބަދަލު ފެންނާނެއެވެ.
-
ކެމޮމައިލް ސައި

ކެމޮމައިލްގެ ސަބަބުން ބަރުދަން ލުއި ކުރުމާއި އެކު ބަނޑުގައި ވައިހެދިގެން ބަނޑުފުއްޕާނަމަ އެކަމަށް ވެސް ހައްލު ލިބޭނެއެވެ. ކެމޮމައިލްގައި ހިމެނޭ ކެލްސިއަމް، ޕޮޓޭސިއަމް އަދި ފްލެވަނޮއިޑްސްގެ ސަބަބުން ހަށިގަނޑުގެ ވިހަ ބޭރުކުރުމަށްވެސް އެހީތެރިވެދޭނެއެވެ. އެއްތަށި ފެން ކެއްކުމަށްފަހު އުނދުން ނިވާލާށެވެ. ދެން ކެމޮމައިލް ފަތްތައް އެޅުމަށްފަހު މަތި ޖަހާފައި 2 މިނިޓް ބަހައްޓާށެވެ. އޭގެ ފަހުން ފުރާނާލައިގެންބޯށެވެ. ބޭނުންނަމަ މާމުއި ނުވަތަ އާރޓިފިޝަލް ހަކުރު ބޭނުން ކުރާށެވެ. ނިދުމުގެ 30 މިނިޓް ކުރިން ސައި ބުއިމުން ރޭގަނޑު އަރާމުގައި ނިދަންވެސް ނިދޭނެއެވެ.
-
ކިއުކަމްބަރ-ޕާރސްލީ ޖޫސް

މިއީ ބަރުދަން ލުއިކުރުމަށް ބޭނުން ކުރުމަށް ބުއިމުން އަވަހަށް އަސަރު ފެންނާނެ ޖޫހެކެވެ. ކިއުކަމްބަރ އަކީ ފައިބަރ އިން މުއްސަނދިވެފައިވާ ނަމަވެސް ވަރަށްމަދުން ކެލޮރީ ހުންނަ ތަރުކާރީއެކެވެ. ޕަރސްލީއަކީ މިނަރަލް އަދި ވިޓަމިނުން މުއްސަނދިވެފައިވާ ފަތެކެވެ. މި ޖޫސް ހެދުމަށް އެއް ކިއުކަމްބަރ ކުދިކޮށް ކޮށާލާފައި، ޕާރސްލީ ކޯޅިއެއްގެ ފަތާއި، ބައި ސަމުސާ އިނގުރު އަދި 1 ސަމުސާ ލުނބޯހުތް އެއްކޮށްގެން ރީތިކޮށް މިކްސަރުން ގިރާށެވެ. އަދި ނިދުމުގެ ކުރިން ބޯލާށެވެ.
-
އެލޯވެރާ ޖޫސް

އެލޯވެރާއަކީ ހަޖަމްކުރުމުގެ ނިޒާމްގެ އެތައް މައްސަލައެއްގެ ޙައްލެވެ. ހަޖަމް ކުރުން ހަމައަކަށް އެޅުމުން ގުދުރަތީގޮތުންވެސް ބަރުދަން ކުރިން ހުރިވަރަށްވުރެ ލުއިވަމުން ދާނެއެވެ. އެލޯވެރާ ފަތެއްގެ ޖެލީ ވަޅިއަކުން ނަގާށެވެ. އަދި 2 ޖޯޑުފެނުގައި މިކްސަރުން ގިރާލާށެވެ. ނިދުމުގެ 30 މިނިޓް ކުރިން ދެތަށިވެސް ބޯލާށެވެ. ﷲގެ އިރާދަ ފުޅުން އެދެވޭ ބަދަލު ފެންނާނެއެވެ.
-
ރީނދޫއެޅި ކިރު

ކިރުގެ ތެރެއަށް ރީނދޫއަޅައިގެން ބޭނުން ކުރަނީ ހަމަ އެކަނި ތަންތަން ކެނޑުނީމައާއި ރޯގާ އާ ކެއްސުމަށް ފަރުވާ ކުރާކަށް ނޫނެވެ. މިއީ ހަޖަމްކުރުން ހަމައަކަށް އަޅުވާ، މެޓަބޮލިޒަމް އަވަސްކޮށް ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭނެ ބުއިމެކެވެ. އެއް ތަށި ކިރުގެ ތެރެއަށް ބައިސަމުސާ ރީނދޫ އަޅައިގެން ކައްކާށެވެ. ހޫނުކޮށް ހުއްޓާ ބޮއިގެން ނިދާށެވެ.
މި ގެނެސް ދިންތަނުން ކޮންމެވެސް އެއް ބުއިމެއްގެ އަޖުމަ ބަލާލާށެވެ. އެކި މީހުނަށް ރަގަޅުވާނީ އެކި ބުއިމެވެ. އެހެންކަމުން ފުރަތަމަ ބުއިމުން އަސަރެއް ނުފެންނަ ނަމަ ދެވަނަ ބުއިމެއްވެސް ތަޖުރިބާ ކޮށްލާށެވެ.
