ކޮންޓްރެކްޓް ހަމަވުމުން ރެއާލް މެޑްރިޑުން ދޫކޮށްލާފައިވާ ވޭލްސްގެ ވިންގާ ގަރެތު ބޭލް ހިލޭ ޓްރާންސްފާއެއްގައި މޭޖާ ލީގު ސޮކާގެ ލޮސް އެންޖެލަސް އެފްސީ (އެލްއޭ އެފްސީ) އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
މީގެކުރީން، ބޭލްގެ މަންދޫބުން ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ވޭލްސްގެ ކާޑިފް ސިޓީއާއެކު ވެސް މަޝްވަރާތައް ބާއްވާފައެވެ.
ކުރިން ބެލެވިފައިއޮތީ، ކާޑިފް އާއި ވޭލްސް އިން ބޭނުންކުރަނީ އެއް ޓްރެއިނިން ސެންޓަރު ކަމުން ކާޑިފްއާ ގުޅިއްޖެ ނަމަ ވޯލްޑް ކަޕްގެ ކުރީން ވޭލްސްގެ މެޑިކަލް އޮފިޝަލުންނާ އެކު ބޭލް އަށް މަސައްކަތްކުރެވޭނެތީވެ، އެ ކްލަބަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
އެހެންނަމަވެސް، ބޭލްގެ މަންދޫބުން ވަނީ އެލްއޭ އެފްސީ އަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ބޭލް، 32، އެލްއޭ އެފްސީ އަށް ބަދަލުވެ، ކުރިއަށް އޮތް ޖުލައި މަހުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ ގުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އެމެރިކާގެ ކުރީގެ ކުޅުންތެރިޔާ ސްޓީވް ޗެރުންޑޮލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެލްއޭ އެފްސީ މިވަގުތު އޮތީ ވެސްޓަން ކޮންފަރެންސްގެ ތާވަލްގެ އެންމެ ކުރީގައެވެ. އެ ޓީމަށް ލީގުގައި ބާކީ 19 މެޗު އޮތްއިރު، މިހާރު ކުރިއަށްދާ ރެގިއުލާ ސީޒަންގެ މެޗުތައް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ އެވެ.
ދެން އެއަށްފަހު، ސީޒަން ނިމުމުން އޮންނަ ޕްލޭ-އޮފް މެޗުތަކާއި، ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެމްއެލްއެސް ކަޕް ފައިނަލް މެޗު ކުޅުމުގެ ފުރުޞަތު އެ ޓީމަށް ލިބިއްޖެނަމަ ވޭލްސް އާއެކު ވޯލްޑް ކަޕް ފެށުމުގެ ކުރީން ބޭލް އަށް އެކަށީގެންވާ މުއްދަތެއް ލިބޭނެ އެވެ.
ޕްރިމިއާ ލިގުގެ ސައުތެމްޓަނުން ކެރިއަރު ފެށި ބޭލް ވިދާލީ 2007 އިން 2013 އަށް ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ދުވަސްވަރުގައެވެ. އޭގެފަހުން، 2013 ވަނަ އަހަރު ރެއާލަށް ބަދަލުވީ، އޭރުގެ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީ އެއް ކަމަށްވާ 85 މިލިއަން ޕައުންޑް އަށެވެ.
ރެއާލްގައި ހޭދަކުރީ ނުވަ އަހަރުގައި ބޭލް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ފަހަރު ސްޕެނިޝް ލީގާއި ޔުއެފާ ސުޕަކަޕްގެ އިތުރުން ސްޕެނިޝް ސުޕަކަޕް އުފުލާލައިފައެވެ. އޭނާ ވަނީ ރެއާލްގެ ޖާޒީގައި ކުޅުނު 258 މެޗުގައި 106 ލަނޑުޖަހައިދީފައެވެ.
ވޭލްސްގެ ގައުމީ ޓީމާއެކު އެންމެ ފަހުން ކުޅެވުނު ދެ ޔޫރޯގައި މޮޅު ކުޅުމެއްދެއްކި ބޭލް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 105 މެޗުގައި 38 ލަނޑުޖަހާފައެވެ. މީގެއިތުރުން، 58 އަހަރަށް ފަހު ވޭލްސް އިން ފީފާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގެ މޭސްތިރި އަކީ ވެސް ބޭލް އެވެ.
އެހެންކަމުން، ގަތަރުގައި އަންނަ ނޮވެންބަރު މަހު ފަށާ ވޯލްޑް ކަޕްގައި ބޭލް އަށް ވޭލްސް އާއެކު އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ހޯދުމުގެ މުހިއްމުކަން ބޮޑެވެ.
