ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންކަމަށްވާ އާލިއާ ބަޓް އަދި ރަންބީރް ކަޕޫރަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ. މީގެ ތިން މަސް ކުރިން ކައިވެނި ކުރި މި ދެތަރިންގެ ފުރަތަމަ ދަރިފުޅު ވިހަން ޑޮކްޓަރު ދީފައިވާ ޑިއުޑޭޓަކީ ނޮވެމްބަރުކަމަށް ވަނީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.
މިއަދު އާލިއާ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ވަނީ ސޮނޮގްރަފީ ހެދިއިރު އޭނާއާއި ފިރިމީހާ ރަންބީރް ސްކްރީނަށް ބަލަހައްޓައިގެން ތިބި ފޮޓޯއެއް ޝެއަރކޮށް އޭނާ ބަނޑުބޮޑުކަން ކަށަވަރުކޮށްދީފައެވެ.

މިއާއެކު އާލިއާ އިންޑަސްޓްރީއަށް ނެރެދިން ކަރަން ޖޯހަރާއި ފިރިމީހާ ރަންބީރްގެ ދައްތަ ރިއްދިމާގެ އިތުރުންވެސް ބޮލީވުޑްގެ އެތައް ފަންނާނުނެއް ވަނީ ސޯޝަލް މީޑިއާގަ ދެމީހުންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާ އުފާ ފާޅުކޮށްފައެވެ.
އާލިއާ ބަޓް އަދި ރަންބީރް ކަޕޫރް ކައިވެނި ކުރީ މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

ނޮވެމްބަރުގައި ފުރަތަމަ ދަރިފުޅަށް ދެމީހުން އިންތިޒާރު ކުރަމުންދާއިރު، އޭގެ ކުރިން ސެޕްޓެމްބަރު 9 ވަނަ ދުވަހު ދެމީހުންގެ ކުރިއަށް އޮތް ފިލްމް 'ބްރަމަސްތްރާ – ޕާޓް ވަން' ބޮޑު ސްކީރީންގަ ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.
