ހުންއައުމަކީ އަހަރެމެންގެ ތެރޭގައި އެންމެ އާންމު އެއް ބައްޔޭ ބުނެވިދާނެއެވެ. އަރިދަފުސް ރޯގާ އާއި ހުމެވެ. ހަގީގަތަކީ ހުން އައުން އެއީ ސީދާ ބައްޔެއް ނޫނެވެ. އެއީ ބައްޔެއްގެ ނުވަތަ ބަލިތަކެއްގެ އަލާމާތެކެވެ. އާންމުގޮތެއްގައި މި އަންނަ އާންމު ހުން، ނުވަތަ ވައިރަލް ފީވާ އޭ މި ކިޔާ ހުމުގައި، ހުން އަންނަނީ ކޮންމެވެސް ކަހަލަ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް ދިއުމުނެވެ. އެއީ ފަހަރުގައި ކުޅުތިކިތަކަކުން، ނޭފަތާއި އަނގައިގެ ތެރެއިން ކަމަށް ވެދާނެއެވެ. އަދި ވައިގެ ތެރޭގައި އުޅޭ ޖަރާސީމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ފުއްޕާމެއަށް ގޮސްގެން ނުވަތަ މައިދާގެ ތެރެއިން ހަޖަމުގެ ނިޒާމުގެ ތެރެއަށް ގޮސްގެން ވެސް މެއެވެ.

އާދޭހެވެ! ހައިރާންވާ ކަމަކަށް ވެފައިވަނީ، އަންނަ ގަދަ ހުމާއި އެކު މީހާ އަށް ކުރެވޭ "ފިނި" ކަމުގެ އިހުސާސްތަކެވެ. ފިނި އިހުސާސް ކުރެވޭވަރުން ފެން ފޮދެއްގައި ޖެހޭކަށް ނުކެރެއެވެ. ވައިރޯޅިއެއް ބީހިލަންވެސް ނުރުހެވެއެވެ. އެހެންކަމުން މި އަންނަ ހުމާއި އެކު، މި ކުރެވޭ ފިނިކަމުގެ އިހުސާސާއި، ހީކަރުވާ ކެރުވުމާއި، ތުރުތުރުލާ ތުރުތުރުލުން ގުޅިފައި މި ވަނީ ކޮންކޮން ކަންތައްތަކަކާއިތޯ ބަލާލުން ވަރަށްވެސް މުހިންމެވެ. މިއީ އަހަރެމެންގެ ސިކުނޑިތައް ހުޅުވި، މާތް ﷲ އިންސާނާގެ ހަށިގަނޑުގައި ލައްވަވާފައިވާ މި ނިޒާމާއި އިންސާނާ އުފައްދަވާފައިވާ ފުރިހަމަކަން ހާމަވެގެންދާނޭ ކަމެކެވެ.

ހުން އަންނަން ފުރަތަމަ ދިމައިވާ ސަބަބަކީ އިސްވެ ބުނެވުނު ފަދައިން ކޮންމެވެސް ޒާތެއްގެ ކޮންމެވެސް ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް ދިއުމެވެ. ހުން އައުމާއި، އެއާއި ގުޅިގެން ދެން ފެންނަ އަލާމާތްތަކާއި ހިނގާ ކަންކަން ބިނާވެގެންވާނީ މި ޖަރާސީމުގެ ބާރުގަދަ ކަމާއި ގިނަކަމާއި އެސޮރުގެ "އާއިލާގެ" މައްޗަށް ބިނާވެގެންނެވެ. ގިނަ ޖަރާސީމުތަކަކީ އިންސާނާގެ ހަށިގަނޑުގެ އާންމު ފިނިހޫނުމިނުގައި ދިރިއުޅުމުގެ ގާބިލުކަން ލިބިފައިވާ ޖަރާސީމުތަކެކެވެ. އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރަނީ އިންސާނާގެ ސިކުނޑީގައި އިންނަ ހައިޕޮތަލަމަސް ނަމަކަށް ކިޔާ ބަޔަކުންނެވެ. މި ބައިން އަބަދުވެސް އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިނަކީ އެވެނި މިވެނި މިނެއް ކަމަށް ކަނޑައަޅައެވެ. އެއީ މާހައުލާއި ހަށިގަނޑުގެ ފިނި ހޫނުމިނަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. މިފަދައިން ކަނޑައެޅޭ އެ ފިނިހޫނުމިނަކަށް ހަށިގަނޑުގެ ފިނިހޫނުމިން ގެންދިއުމަށް ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ބައިވެރިވާނެއެވެ.

އިސްވެ ބުނެވުނު ފަދައިން ގިނަ ޖަރާސީމު ތަކަކީ ހަށިގަނޑުގެ އާންމު ފިނިހޫނުމިނުގައި ދިރިއުޅުމުގެ ގާބިލުކަން ހުރި ޖަރާސީމު ތަކެއް ކަމުން، އެސޮރުމެން ހަށިގަނޑުގެ ތެރެއަށް ވަދެވުމުން، އެސޮރުމެންނަށް ރައްކާތެރި ކަމާއެކު އުޅެވެއެވެ. ނަމަވެސް އެފަދަ ޖަރާސީމު ތަކާއި ދެކޮޅަށް ލޭގައި ހުންނަ ހުދުލޭ ހަތާތަކުން ހަނގުރާމަ ކުރެއެވެ. އެ ޖަރާސީމެއް ނައްތާލުމަށެވެ. މި "ހަނގުރާމައިގެ" ސަބަބުން ސިކުނޑީގެ ހައިޕޮތަލަމަސް އަށް އިނގުން ވެއެވެ. އެހާ ހިސާބުން އެ އިންސާނެއްގެ ހަށިގަނޑުގެ ފިނިހޫނުމިނަކީ އެވެނި މިވެނި މިނެއް ކަމަށް، ހައިޕޮތަލަމަސް އިން ކަނޑައަޅައެވެ. މި ފިނިހޫނުމިން ވެގެން ދަނީ އާންމު ފިނިހޫނު މިނަށްވުރެ އެއްގުނަ ނުވަތަ ދެގުނަ މަތި އަދަދަކަށެވެ. އެހެނީ އެ މަތިވެގެންދާ ފިނިހޫނު މިނުގައި އެއްކަލަ ޖަރާސީމަށް ދިރިއުޅުމުގެ ފުރުސަތު ކުޑަވެގެންދާނެތީއެވެ. އެ ޖަރާސީމު ހަށިގަނޑުގެ ތެރޭގައި ބަލިވެ ނިކަމެތިވާނެތީއެވެ. އޭރުން ހުދުލޭ ހަތާތަކަށް އެ ޖަރާސީމެއް ނެތިކޮށްލަން ފަސޭހަވެގެން ދެއެވެ.

މިފަދައިން ހަށިގަނޑުގެ ފިނިހޫނުމިނަކީ އެވެނި މިވެނި މިނެއް ކަމަށް ހައިޕޮތަލަމަސް އިން ކަނޑައެޅުމުން، އެ މެސެޖު ހަށިގަނޑުގެ ހުރިހާ ގުންނަންތަކަކަށް ދެއެވެ. ދެން އެހިސާބުން އެ ފިނިހޫނުމިނަކާއި ހަށިގަނޑުގައި އެވަގުތު ހުރި ފިނިހޫނުމިނެއް އަރާ ހަމަކުރުވުމަށް ހަށިގަނޑުގެ ހުރިހާ ގުނަވަނެއް މަސައްކަތް ކުރެއެވެ. މި މަސައްކަތުގެ ތެރޭގައި ނާރުތައް ހިމަވެގެން ދެއެވެ. އެއީ ނާރުތަކުން ހޫނު ނިކުތަނުދީ ހިފެހެއްޓުމަށެވެ. ހަމަ އެގޮތަށް މަސްތައްވެސް ކުރުވެ ހަރުޖެހެއެވެ. އެ ހިސާބުން ތުރުތުރުލުމުގެ އިހުސާސް ކުރެވެން ފަށައެވެ. ހަށިގަނޑުގެ ފިނިހޫނުމިން، މަތިވަމުން ދާ ވަރަކަށް، ބޭރުގެ ނުވަތަ މާހައުލުގެ ފިނިހޫނުމިން މަތި ނުވާނަމަ، ފިނިކަމުގެ އިހުސާސްތައް އިންސާނާއަށް ކުރެވެން ފަށައެވެ. މިއީ ހުން އައުމުން، "ފިނި" ކަމުގެ އިހުސާސް ކުރެވި ހީކަރުވާ ސަބަބެވެ.

މިހެން ބުނެވިފައި އޮތުމުން، ހުން އައުމަކީ ރަނގަޅު ކަމެއްކަމަށް ހީކުރެވިދާނެއެވެ. އާދޭހެވެ! ހުން އައުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ހުން މާ ބޮޑަށް މަތިވެގެން ދިއުމަކީ ގޯހެކެވެ. އޭގެ ސަބަބުން އެ މަތިވާ ހުމުގެ މިންވަރަށް ހަށިގަނޑުގެ ފިނިހޫނުމިން ކިޔަމަން ނުކުރެވޭނަމަ، ގުނަންތަކަށް ބުރަބޮޑުވެ، ސިކުނޑީގެ މެސެޖުތައް ކަސިޔާރުވެ، ފިޓުޖެހޭގޮތް ވެދެއެވެ. މިއަށް ފެބްރައިލް ސީޒާސް އޭ ކިޔައެވެ. އެހެންކަމުން ހުން މައިތިރި ކުރުމާއި ހުމަށް ފަރުވާ ހޯދުމަކީ ކުރާން ޖެހޭނޭ ކަމެކެވެ.