މިހާރު ކުރިއަށްދާ ކެރަމް ފެސްޓިވަލްގައި ހިމެނޭ 31 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މިރޭ ކުޅެވުނު މެޗުތަކަށްފަހު މިކްސްޑް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މިރޭ ކުޅެވުނު މިކްސްޑް ޑަބަލްސް އިވެންޓްގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލްގައި އާދަމް އަދީލް އާއި އައިޝަތު ފައިނާޒްގެ ޕެއާ ވަނީ އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާގެ ޕެއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައެވެ. އަދީލް އާއި ފައިނާޒްގެ ޕެއާ މި މެޗު ކާމިޔާބުކުރީ 19-5 އަދި 16-12 އިންނެވެ.
މިކްސްޑް ޑަބަލްސް އިވެންޓްގެ ތިންވަނަ އަށް ހޮވުނީ ޔަމާން އާއި ރަޔާނާގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ ތިންވަނަ ހޮވި މެޗުގައި 25-0 އަދި 21-6 އިން އިސްމާއިލް އަޒްމީން އާއި އާމިނަތު ޝުބާ އާދަމްގެ ޕެއާ ބަލިކޮށްފައެވެ.
ފިރިހެން ޑަބަލްސް އިވެންޓްގައި އަލީ އާޒިމް އާއި ހުޖާންގެ ޕެއާ ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ތިން ގޭމް ކުޅެގެން މުހައްމަދު މުންތަސިރު އާއި ޔަމާންގެ ޕެއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ގޭމް ވަރަށް ކައިރިން ވާދަކޮށް 18-17 އިން ގެންދިޔައީ މުންތަސިރު އާއި ޔަމާންގެ ޕެއާ އިންނެވެ. އެކަމަކު، ދެން ޖެހިގެންއައި ދެ ގޭމް ފަސޭހަކަމާއެކު ކާމިޔާބުކުރީ އާޒިމް އާއި ހުޖާންގެ ޕެއާ އިންނެވެ. އާޒިމް އާއި ހުޖާންގެ ޕެއާ، ފަހު ދެ ގޭމް ގެންދިޔައީ 23-6 އަދި 19-9 އިންނެވެ.
އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި އާމިނަތު ވިދާދު އާއި އާމިނަތު ވިޝާމާގެ ޕެއާ ވަނީ ފަސޭހަކަމާއެކު އާމިނަތު ނިފާޝާ އާއި ނަހުފާގެ ޕެއާ ބަލިކޮށްފައެވެ. މި އިވެންޓްގެ ޗެމްޕިއަންކަން ވިދާދުއާ ވިޝާމާގެ ޕެއާ ހޯދީ 22-9 އަދި 25-0 އިން ނަހުފާއާ ނިފާޝާގެ ޕެއާ ބަލިކޮށްގެންނެވެ.
މިދިޔަ އަހަރުގެ އަންހެން ޑަބަލްސް އިވެންޓް ކާމިޔާބުކުރި އަފީފުއްނިސާއާ ފައިނާޒްގެ ޕެއާ ވަނީ ތިންވަނަ ހޮވި މެޗުގައި ޝުބާ އާއި ރަޔާނާގެ ޕެއާ ބަލިކޮށްފައެވެ. އަފީފުއްނިސާ އާއި ފައިނާޒްގެ ޕެއާ މި މެޗުގެ ގޭމްތައް ގެންދިޔައީ 25-9 އަދި 20-3 އިންނެވެ.
ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗަށް ސަދޫހު ސާމިއު އާއި ހުސައިން ފާރިހުގެ ޕެއާ އަށް ހާޟިރުނުވެވުމުން އަހުމަދު ހާމިދު އާއި އަޒްމީންގެ ޕެއާ އަށް ވަނީ ތިންވަނަ މަގާމް ލިބިފައެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި މާދަމާ ރޭ ފައިނާޒް ނިކުންނާނީ ވިދާދުއާ ދެކޮޅަށެވެ. ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އަޒްމީން ނިކުންނާނީ ހުސައިން ނީޝާމްއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8 ޖަހާއިރު އެވެ.
