ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު އަކީ ބޮޑެތި ޕާރޓީތައް އިންތިޒާމް ކުރުމުގައި ނަން އަރާހުރި މީހެކެވެ. އޭނާގެ ޕާޓީތަކުގެ ތަރުތީބު ކަމާއި ފުރިހަމަ ކަމުގެ ވާހަކަ އަކީ ބޮލީވުޑް ގެ އެންމެން ދަންނަ ވާހަކައެކެވެ. ކަރަންގެ ޕާޓީއަކަށް ދަޢުވަތު ލިބުމަކީ ޝަރަފެއްކަމަށް މީހުން ގަބޫލު ކުރެއެވެ. އޭނާގެ ޕާޓީއަށް ދިއުމުގެ ސަބަބުން ބޮލީވުޑްގެ މަސައްކަތްތައް ލިބިފައި ތިބިމީހުން ނުހަނު ގިނައެވެ. ކަރަންގެ ޕާޓީތަކުގައި ހިނގަނީ ކޮން ކަމެއްކަން އޭރު ގިނަ މީހުނަކަށް ނޭނގެއެވެ. ނަމަވެސް ލޮކްޑައުންގެ ތެރޭގައި ކަންކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބޮލީވުޑްގެ ތެރޭގައި މޫލާފައިވާ މަސްތުވާތަކެތީގެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެއާއެކު ކަރަންގެ ޕާޓީތަކުގެ ހަގީގަތް މިވަނީ ހާމަވާން ފަށާފައެވެ. އެންމެ ކުރީ ސަފުގައި ގުނާލެވޭ ފަންނާނުންނާއި ޕްރޮޑިއުސަރުންނާއި ޑިރެކްޓަރުންގެ އިތުރުން ޓެލެންޓް މެނޭޖަރުންގެ ނަން، މަސްތުވާތަކެތި ބޭނުންކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް ހިމެނެއެވެ. މި ލިސްޓްގައި ގިނައިން ހިމެނެނީ އަންހެން ފަންނާނުންނެވެ. ނަމަވެސް މި ލިސްޓްގައި ކަރަންގެ ނަންވަނީ އެންމެ ކުރީގައި ފާހަގަ ކުރެވިފައެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ކަރަން ހާޟިރުކޮށްފައި ނުވި ނަމަވެސް ކަރަންގެ ޕާޓީއެއްގެ ވީޑިއޯއެއް އާންމުވެ އެވީޑިއޯގައި ތިބި މީހުން މަސްތު ޙާލަތުގައި ތިބިކަމަށް ޝައްކު ކުރެވިގެން އެ ވީޑިއޯވަނީ އެން.ސީ.ބީ ގެ ފަރާތުން ފޮރެންސިކް ތަޖުރިބާކާރުންގެ ޓީމަކަށް ފޮނުވައިގެން ތަހުލީލު ކޮށްފައެވެ. އަދި މިއަދު ވަނީ މި ރިޕޯޓް އެން.ސީ.ބީ އާ ޙިއްސާވެސް ކޮށްފައެވެ.

ފޮރެންސިކް ޑިޕާޓްމަންޓްގެ ރިޕޯޓްގައިވާ ގޮތުން މި ވީޑިއޯއަކީ މިއަށް އެއްވެސް އުނި އިތުރެއް ނުވަތަ ބަދަލެއް ގެނެސް އެޑިޓް ކޮށްފައިވާ ވީޑިއޯ އެއް ނޫނެވެ. އެހެންކަމަށްވާ މި ވީޑިއޯގައި މި ފެންނަނީ ހަމަ ހަގީގަތުގައިވެސް އެރޭ އެތަނުގައި ތިބި މީހުން ތިބި ޙާލަތަވެ. އެހެންކަމުން މިރިޕޯޓާއި އެކުގައި ކަރަން ޖޯހަރުގެ ހާސްކަންވަނީ އިތުރު ވެފައެވެ. ކޮންމެ އިރަކުވެސް އެން.ސީ.ބީ އިން ކަރަން ޖޯހަރު އަށް ޗިޓް ފޮނުމުގެ ފުރުސަތު ބޮޑެވެ.