މިހާރު ކުރިއަށްދާ ކެރަމް ފެސްޓިވަލްގައި ހިމެނޭ 31 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ރޭ ކުޅެވުނު މެޗުތަކަށްފަހު ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދު ހޯދައިފިއެވެ.

މިއީ މާލެ އަތޮޅު ގުރައިދޫ އަށް އުފަން ވިދާދު، އަންހެން ސިންގަލްސް އިވެންޓްގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި 5 ވަނަ ފަހަރެވެ. ވިދާދު ޗެމްޕިއަންކަން ހޯދާފައިވަނީ 2017، 2018، 2019، 2021 އަދި 2022 ގައެވެ. މިއާއެކު، ގައުމީ ކެރަމް މުބާރާތުގެ ތާރީޚުގައި ދެވަނަ އަށް އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއަކީ ވެސް ވިދާދު އެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ހަ ފަހަރު ތަށި އުފުލާލައިފައިވާ ޝަޒްނާ އެވެ.

މިއީ އަޒްމީން، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ. މީގެކުރީން، އޭނާ ވަނީ ތިން ފަހަރެއްގެ މަތީން ފައިނަލްގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އެއީ 2014، 2016 އަދި 2019 ވަނަ އަހަރު އެވެ. އަނެއް ކޮޅުން، ރޭގެ މެޗުގައި އަޒްމީން އަތުން ބަލިވީ ހުސައިން ނީޝާމް (ނީނީ) އަށް މިއީ ފައިނަލްގައި ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ނީޝާމް (ނީނީ) އާއި ހަސަން ނާޒިމް (ނާނަ) އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން. --

ހުޅުމާލޭ ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ކުޅެވުނު ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗު ބައްލަވައިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަޒްމީން، ޗެމްޕިއަންކަން ހޯދީ ނީޝާމް (ނީނީ) އަތުން ފަސޭހަކަމާއެކު ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. ރާއްޖޭގެ ކެރަމްގެ ތާރީޚުގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ނީޝާމް (ނީނީ) ގެ މައްޗަށް ފުރަތަމަ ގޭމުގައި އަޒްމީން ކުރިހޯދީ 25-3 އިންނެވެ. އަޒްމީން ދެވަނަ ގޭމް ކާމިޔާބުކުރީ ނީޝާމް (ނީނީ) އަށް ޕޮއިންޓެއް ނުދީ 25-0 އިންނެވެ.

އަންހެން ސިންގަލްސް ފައިނަލްގައި ވިދާދު ތަށި އުފުލާލީ ގައުމީ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އައިޝަތު ފައިނާޒް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި އެންމެ ފުރަތަމަ ކުޅެވުނު ހަތަރު ބޯޑު ކާމިޔާބުކޮށް، 14-0 އިން ލީޑްކުރަމުންދިޔައީ ފައިނާޒް އެވެ. އަދި އެއަށްފަހު، 19-4 އިން ފައިނާޒް ލީޑްކުރަމުން ދަނިކޮށް ދެން ކުޅެވުނު ފަސް ބޯޑު ކާމިޔާބުކޮށް، ދެއްކި އާދަޔާ ހިލާފު ހިތްވަރާއެކު ވިދާދު ވަނީ 25-19 އިން ފުރަތަމަ ގޭމް ގެންގޮސްފައެވެ.

އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން. --

ދެވަނަ ގޭމުގައި ވެސް 4-0 އިން ފައިނާޒް ލީޑްކުރަމުންދަނިކޮށް، ވިދާދު ވަނީ 6-4 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު ހަތަރު ބޯޑުގެ ތެރެއިން ވިދާދު ވަނީ ތިން ބޯޑުގައި ކުރިހޯދައި، 25-11 ގެ ތަފާތަކުން ދެވަނަ ގޭމް ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި ފައިނާޒް އަތުން ވިދާދު، ޖެހިޖެހިގެން މޮޅުވި ދެވަނަ ފަހަރެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލްގައި ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދީ ލައިވް ސްޕޯޓްސް ކްލަބެވެ. ފައިނަލްގައި ސިންގަލްސް ބައިން ދީ ލައިވް ސްޕޯޓްސް ކްލަބުގެ އާދަމް އަދީލްއާ ވާދަކޮށް ކުޑަ ހެންވޭރުގެ އާޒިމް، ތިން ގޭމް ކުޅެގެން 24-17، 13-15 އަދި 21-18 އިން ވަނީ ކުރިހޯދާފައެވެ.

އެކަމަކު، ދެން ކުޅެވުނު ސިންގަލްސްގެ އަނެއް މެޗުގައި ދީ ލައިވް ސްޕޯޓްސް ކްލަބުގެ އިބްރާހިމް ހުޖާން ވަނީ ސީދާ ދެ ގޭމުން ކުޑަ ހެންވޭރުގެ ޝާފީ ބަލިކޮށްފައެވެ. މި މެޗުގެ ގޭމްތައް ހުޖާން ގެންދިޔައީ 25-23 އަދި 20-15 އިންނެވެ.

ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން. --

އަދި ދެން ކުޅެވުނު ޑަބަލްސް މެޗުގައި ދީ ލައިވް ސްޕޯޓްސް ކްލަބުގެ އިސްމާއިލް އާއި ނައުފަލްގެ ޕެއާ ވަނީ ކުޑަ ހެންވޭރުގެ އަލްޠަފް އާއި ލިފާއުގެ މައްޗަށް 15-18، 25-12 އަދި 21-3 އިން ކުރިހޯދައިދީފައެވެ. މިއާއެކު، ދީ ލައިވް ސްޕޯޓްސް ކްލަބުން ފައިނަލް މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ އަށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) ހޮވުނުއިރު، ހަތަރުވަނަ އަށް ދިޔައީ ޕޮލިސް ކްލަބެވެ.

މީގެއިތުރުން، ފުރަތަމަ ޑިވިޝަނުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލްގައި ކުޑަ ހެންވޭރު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެސް ދީ ލައިވް ސްޕޯޓްސް ކްލަބުންނެވެ. މި އިވެންޓްގެ ސިންގަލްސް ބައިގައި ދީ ލައިވް ސްޕޯޓްސް ކްލަބުގެ ވިދާދު 22-16 އަދި 25-4 އިން ކުޑަ ހެންވޭރުގެ ފައިނާޒް އަތުން މޮޅުވިއިރު، މި ބައިގެ ސިންގަލްސްގެ ދެވަނަ މެޗުން ކުޑަ ހެންވޭރުގެ ރަޔާނާ ވަނީ ދީ ލައިވް ސްޕޯޓްސް ކްލަބުގެ ޝައުޝަން އަތުން 25-0 އަދި 25-0 އިން މޮޅުވެފައެވެ.

މިބައިގައި ދެން ކުޅެވުނު ޑަބަލްސް މެޗުގައި ރިޒްމާ އާއި ވިޝާމާ ހިމެނޭ ދީ ލައިވް ސްޕޯޓްސް ކްލަބުން ވަނީ ކުޑަ ހެންވޭރުގެ ޔުމްނާ އާއި ފަރުހާނާގެ ޕެއާ 25-0 އަދި 25-0 އިން ބަލިކޮށް، އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އަންހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ އަށް ހޮވުނީ ކަސްޓަމްސް އެވެ.