ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި "ކެރަމް ފެސްޓިވަލް 2022" ނިންމުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް، އަހުމަދު މަހުލޫފު އެވެ. މި ރަސްމިއްޔާތުގައި ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހުސެއިން ރައުޝާންގެ އިތުރުން އެ އެސޯސިއޭޝަންގެ އިސް ފަރާތްތައް ވެސް ބައިވެރިވިއެވެ.
ކެރަމް އެސޯސިއޭޝަނުން މިއަހަރު ބޭއްވި "ކެރަމް ފެސްޓިވަލް 2022" ގައި ހިމެނުނީ؛ 31 ވަނަ ގައުމީ ކެރަމް މުބާރާތާއި، 9 ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އިތުރުން ރަމަޟާން މަހު ބޭއްވުނު ކެރަމް މުބާރާތެވެ.
މި ތިން މުބާރާތުގެ ވެސް ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި، މެޑެލް އަދި ޓްރޮފީ ދީފައިވަނީ ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައެވެ.
މިއިން ކޮންމެ މުބާރާތެއްގެ ވެސް ސިންގަލްސް، ޑަބަލްސް އާއި މިކްސް ޑަބަލްސް އަދި ޓީމް އިވެންޓަށް ބޭއްވިގެންދިޔައިރު، ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ދީ ލައިވް ސްޕޯޓްސް ކްލަބުން ވަނީ ފިރިހެން އަދި އަންހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ ދެން އެންމެ އަވަހަށް އޮތީ އަންނަ ސެޕްޓެންބަރު މަހު މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކަމަށެވެ. އޭގެފަހުން، އަންނަ ނޮވެންބަރު މަހުގައި މިކްސްޑް ޓީމް ކެރަމް ޗެމްޕިއަންޝިޕްގެ އިތުރުން މުޅިން އަލަށް ފަށާ ވެޓަރަންސް ކަޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
