އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލްގައި ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-1 އިން ހޯދީ މޮޅާއެކު ކްލަބް ވެލެންސިއާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ވެލެންސިއާ އިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އަގްސަން އަހުމަދު ނަސީމް އެވެ. މިއީ ޕެނަލްޓީއަކުން އަގްސަން ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު އާރިޒް ބިން ޝާހިދު އަތުގައި ޖެހިފައި ނިކުތުމުން، ދެވަނަ ފަހަރަށް އެ ބޯޅަ އަގްސަން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވެލެންސިއާގެ މުހައްމަދު އައިހަމް އިބްރާހިމް އަށް ޔޫވީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ވެލެންސިއާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިހަމް އެވެ. އޭގެ ފަސް މިނެޓުފަހުން، ޔޫވީގެ މުހައްމަދު ރަޒާން ވަނީ ލަނޑެއްޖަހައިދީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗު ނިމެން ދަނިކޮށް ޔޫވީ އަށް ނަތީޖާ އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ މުހައްމަދު އަރުޝަދު ސަލީމް ހުހަށް ހުރެ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު އަބްދުﷲ ރަޒީފް މަތަކުރިއެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ ދެވަނަ ލަނޑުޖަހައިދިން އައިހަމް އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެލެންސިއާގެ އަގްސަން އެވެ. އޭނާ ވަނީ މި މުބާރާތުގައި ހަ ލަނޑުޖަހާފައެވެ. އެންމެ މޮޅު ކޯޗަކަށް ވެލެންސިއާގެ އާދަމް އަބްދުލް ލަތީފް (ލައްޗޭ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެލެންސިއާގެ؛ ރަޒީފް، އަގްސަން، މުހައްމަދު ޖޫދު އަޝްފާގު، އަހުމަދު ހަމްދާން އަޒްލީން، ޔޫސުފް ނަމިކް އަލީ ނަސީރު އާއި ޓީސީގެ، ޔޫސުފް އާއިޝް މުހައްމަދުގެ އިތުރުން އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު އަދި ޔޫވީގެ؛ އަޒުލާން، މުހައްމަދު އުނައިޝް ބިން ނޫހު، ރަޒާން، އަދި އަހުމަދު އަލްތަފް އަޒީމް އެވެ.
