މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ސިފައިން ނިކުންނާނީ ސްޕޯޓްސް ކްލަބު ސިޓީއާ ދެކޮޅަށެވެ.

ސިފައިންގެ ކްލަބުން ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު ތިންވަނަ ސެމީ ފައިނަލްގައި ޕޮލިސް ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލުން ސިޓީ ޖާގަ ހޯދީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ ސެމީގައި ސީދާ ތިން ސެޓުން ސިފައިން ބަލިކޮށްގެންނެވެ. އަދި ޕޮލިހުން ތިންވަނަ ސެމީން ޖާގަ ހޯދީ، ފުރަތަމަ ސެމީގައި ސީދާ ތިން ސެޓުން ކްލަބު ވެމްކޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރޭގެ މެޗަށް ނިކުތްއިރު މިފަހަރުގެ ސީޒަނުގައި ސިފައިންނާއި ޕޮލިސް ޓީމު ވަނީ ދެފަހަރު ވާދަކޮށްފައެވެ. އެގޮތުން، އެސޯސިއޭޝަން ކަޕްގައި މި ދެ ޓީމު ވާދަކުރި މެޗުގައި ސިފައިން ދެ ސެޓު ގެންގޮސްފައިވަނިކޮށް، ޕޮލިހުން ވަނީ ފަހަތުންއަރައި މޮޅުވެފައެވެ. އެކަމަކު، ގައުމީ ލީގުގައި ދެ ޓީމުގެ ކުރިމަތިލުން 3-1 ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-20 އިން ސިފައިން ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ސެޓުގައި ޕޮލިހުން ވަނީ ވަރަށް ކައިރިން ވާދަކޮށް 30-28 އިން ކުރިހޯދާފައެވެ.

އެކަމަކު، އޭގެފަހުން ކުޅެވުނު ދެ ސެޓު ވެސް ގެންދިޔައީ ސިފައިންނެވެ. މެޗުގެ ތިންވަނަ ސެޓު 25-18 އިން ގެންދިޔައިރު، ފަހު ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.

ސިފައިން އަތުން ރޭގެ މެޗުން ބަލިވި ޕޮލިހުން ވަނީ މިފަހަރުގެ ގައުމީ މުބާރާތުގެ ތިންވަނަ މަގާމް ހާސިލްކޮށްފައެވެ. މިއާއެކު، ރޭގެ މެޗަށްފަހު ޕޮލިހަށް ވަނީ ލޯ މެޑަލް ހަވާލުކޮށްފައެވެ.