ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި އިގްތިޞާދުތައް ކުރިއަށް އޮތް 12 ވަރަކަށް މަސްދުވަސް ތެރޭ ރިސެޝަނަކަށް ދާނެ ކަމަށް ގްލޯބަލް މާކެޓްސް ރީސަރޗް އޭޝިއާ ގެ ހެޑް ރޮބް ސުބަރަމަން ވަނީ އިއްޔެ ވިދާޅުވެފައެވެ. އެމެރިކާގެ ސީއެންބީސީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ރޮބް ވިދާޅުވީ މިވަގުތު ގިނަ ޤައުމުތަކުގެ ސެންޓްރަލް ބޭންކްތަކުން މަސައްކަތްކުރަމުން ދަނީ ސިންގަލް މެންޑޭޓަކަށް ކަމަށާ، އެއީ އިންފްލޭޝަން ތިރިކުރުން ކަމަށެވެ. މަނިޓަރީ ޕޮލިސީގެ ކްރެޑިބިލިޓީ އަކީ ގެއްލުވާލާ ވަރަށްވުރެ މާ އަގުހުރި އެސެޓެއްކަމަށާއި އެހެންކަމުން މި މަސައްކަތުގައި ސެންޓްރަލް ބޭންކުތަކުން ކުރިއަށްއޮތް ތަނުގައި މިހާރަށްވުރެވެސް ހަރުކަށި އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ރޮބް ލަފާކުރައްވައެވެ. އަދި މީގެ ސަބަބުން އިންވެސްޓަރުން އަޕްފަރްންޓްކޮށް ދައްކާ ސޭލްސް ޗާރޖް/ކޮމިޝަން، ފްރަންޓް-އެންޑް-ލޯޑް، މަތިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޮބް ވިދާޅުވީ ދުނިޔެ ރިސެޝަނަކާ ދިމާލަށް ދާކަމަށް އިގްތިޞާދީ މާހިރުން އިންޒާރުދެމުން އަންނަތާ އެތައް މަހެއް ވެއްޖެ ކަމަށާ އެހެންނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ޤައުމުތަކުން ނުދީ އޮއްވާ، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ކުރިއަރާފައިވާ ބޮޑެތި ގިނަ ޤައުމުތަކުގެ އިގްތިޞާދު މިހާރު، ކުރިން އަންދާޒާކުރެވުނު ވަރަށްވުރެ ބާރު ސްޕީޑުގައި ރިސެޝަނާ ދިމާލަށް މިސްރާބުޖަހައިފިކަމަށެވެ. އެގޮތުން އެމެރިކާއާއި ޔޫރޯ ޒޯންގެ ޤައުމުތަކުގެ އިތުރުން އިނގިރޭސި ވިލާތް، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ އަދި ކެނެޑާގެ އިގްތިޞާދު ކުރިއަށް އޮތް 2023 ވަނަ އަހަރު ރިސެޝަނަށް ދާނެކަމަށް ރޮބް ޤަބޫލުކުރައްވައެވެ.
މިހާ ގިނަ ބޮޑެތި އިގްތިޞާދުތަކެއް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލިކަށިވަމުން ދިޔުމުގެ ސަބަބުން ބާކީ ހުރި، އިގްތިޞާދުތަކަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަން ރޮބް ފާހަގަކުރެއްވިއެވެ. އެގޮތުން އެކްސްޕޯޓް ރޭޓް މަތި ޤައުމުތަކުގެ އިގްތިޞާދުވެސް ކުރިއެރުން މީގެ ސަބަބުން ހުއްޓޭނެކަމަށް ރޮބް ވިދާޅުވިއެވެ. ސަބަބަކަށް ވެގެންދާނީ މުދާ އެކްސްޕޯޓްކުރަން ހުރި ޤައުމުތަކަށް މުދާ ގަނެވޭ ގޮތް ނުވުމެވެ. ނަތީޖާއެއްގެ ގޮތުން އިގްތިޞާދީ ކުރިއެރުން އެކްސްޕޯޓަށް ބަރޯސާވާ ޤައުމުތަކަށްވެސް މާލީ ދަތިކަން ކުރިމަތިވެ ތަދު ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
އެންމެ ބޮޑު އިގްތިޞާދުކަމަށް ދައުވާ ކުރާ އެމެރިކާގެ ރިސެޝަން، 2008 އިން 2009 ކަށް ދިޔަ ރިސެޝަން ހާ ގޯސް ނުވިޔަސް، އެއަށްވުރެ ދިގު މުއްދަތަކަށް މިފަހަރު ދެމިގެންދާނެކަމަށް ރޮބް ވަނީ ލަފާކުރައްވާފައެވެ. އެގޮތުން އެމެރިކާގެ އިގްތިޞާދު މިއަހަރުގެ ފަހު ކުއަރޓަރގަ ރިސެޝަނަށް ދާނެކަމަށް ރޮބް ލަފާކުރައްވާއިރު ފަސް ކުއަރޓައަށް މި ރިސެޝަން ދިގު ދެމިގެން ދާނެކަމަށްވެސް އޭނާ ލަފާކުރައްވައެވެ.
އެމެރިކާގެ ފެޑެރަލް ރިޒަރވް އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކްފަދަ މަރުކަޒީ ބޭންކަތްކުން އަންނަނީ އަރަމުން އަންނަ އިންފްލޭޝަން ތިރިކުރުމަށް ބެންޗްމާކް އިންޓަރެސްޓް ރޭޓްތައް މަތިކުރަމުންކަން ރޮބް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ޖޫންގަވެސް މި ދެ މަރުކަޒީ ބޭންކުންވެސް އިންޓްރެސް ރޭޓް 75 ބޭސިސް ޕޮއިންޓަށް މަތިކުރުމުން އިންޓަރެސްޓް ރޭޓްތައް އެ ޤައުމުތަކުގައި މިހާރު ހުރީ %1.5 އާއި %1.75 އާ ދެމެދުގައެވެ. ކުރިއަށް މިދާ ޖުލައި މަހު އަނެއްކާވެސް 50 އާއި 75 ބޭސިސް ޕޮއިންޓާ ދޭތެރޭ އިތުރުކުރުމެއް މި ދެ ބޭންކުންވެސް ގެންނާނެކަމަށް ރޮބް ލަފާކުރައްވައެވެ. އަދި މި ގޮތަށް އިތުރުކުރަމުން ގޮސް އަންނަ އަހަރުގެ ފެބްރުއަރީ އާ ހަމަޔަށް އެމެރިކާގެ ފެޑެރަލް ފަންޑް ރޭޓްތައް %3.75 އަށް އަރާނެކަމަށްވެސް ރޮބް ވަނީ ލަފާކުރައްވާފައެވެ.
ޗައިނާގެ އިގްތިޞާދަށް ބަލާއިރު، ކޮވިޑާ ގުޅިގެން ޗައިނާގެ އިގްތިޞާދު ރިސެޝަނަށް ގޮސް މިހާރު ބާރު ސްޕީޑްގައި އަރަމުން އައި ނަމަވެސް، ޗައިނާއިން އަދިވެސް ގެންގުޅެމުންދާ ޒީރޯ-ކޮވިޑް ޕޮލިސީ ދޫކޮށްނުލައިފިނަމަ، ޚާއްސަކޮށް މިހާރު އަނެއްކާވެސް މުޅި ދުނިޔޭގަ ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، އަނެއްކާވެސް ޗައިނާއިން ބޮޑެތި ސިޓީތައް ލޮކްޑައުން ކުރާނަމަ، އެ ޤައުމުވެސް އަނެއްކާ ރިސެޝަނަކަށް ދާނެކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ދަނޑިވަޅުގައި ޤައުމުތަކުގެ ސެންޓްރަލް ބޭންކްތަކުން މަނިޓަރީ ޕޮލިސީތައް އިތުރަށް ވަރުގަދަކޮށް އިންފްލޭޝަން ދަށްކުރަން ނުކުޅެދިއްޖެނަމަ، ދުނިޔޭގެ އިގްތިޞާދު ހައި އިންފްލޭޝަން ރެޖީމަކަށް ގޮސް ގިނަ ދުވަސްތަކެއްވަންދެން އެ ހާލަތުން އަރައިނުގަނެވި ތިބެން ޖެހިދާނެކަމުގެ އިންޒާރު އިގްތިޞާދީ މާހިރުން ދެއްވައެވެ. ހައި އިންފްލޭޝަން ރެޖީމެއްގަ އިންޓަރެސްޓް ރޭޓްތަކާ އެކުއެކީ އިންފްލޭޝަންވެސް މަތިވުމުގެ ސަބަބުން ރިއަލް އެސްޓޭޓުން ލިބޭ ރިޓަރން ދަށްވެގެންދާނެއެވެ. އެއާއެކު ރިއަލްއެސްޓޭޓް ވިޔަފާރިއަކީ އިގްތިޞާދަށް އަންނަ ލޮޅުންތަކުން އިންވެސްޓަރުން ރައްކާތެރިކޮށްދޭ އޮޕްޝަނަކަށް ނުވާނެއެވެ. އަދި މިފަދަ ހާލަތަކަށް ގޮސްފިނަމަ އާމްދަނީ ބޮޑުތަނުން ދަށްވެ މުސާރަތައް ކުޑަވެ އާންމު ރައްޔިތުންނަށް، ޚާއްސަކޮށް މެދު އަދި ދަށް ފަންތީގެ ރައްޔިތުންނަށް، އެތައް ތަކުލީފެއް އުފުލަން ޖެހޭނެއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމްއެފުން މިއަހަރުތެރޭ ޤައުމުތަކުގެ އިންފްލޭޝަން ރޭޓްތައް އިތުރުވާނެކަމަށް ކުރިންވެސް އޮތީ ލަފާކޮށްފައެވެ. ޚާއްސަކޮށް ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިންފްލޭޝަން މިއަހަރުތެރޭ ފާހަގަކޮށްލެވޭހާ ބާރު ސްޕީޑެއްގައި މަތިވާނެކަމަށް އޮތީ ލަފާކޮށްފައެވެ. އެގޮތުން މިއަހަރު ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިންފްލޭޝަން %8.7 އަށް މަތިވާނެކަމަށް މިއަހަރު ފެށުނުއިރު އައިއެމްއެފުން ލަފާކުރިއެވެ. އެހެންމަވެސް ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމަ ފެށުމާ ގުޅިގެން ދެން ދުނިޔޭގެ އިގްތިޞާދަށް ކުރަން ފެށި އަސަރުތަކާއެކު އިތުރު %2.8 އިންސައްތައަށް އިންފްލޭޝަން މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
1970ގެ އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވި އިގްތިޞާދީ ތަދު ދުވަސްތަކުން އިބްރަތް ހާސިލުކޮށް މިހާރުން މިހާރަށް ހަރުދަނާ ރަނގަޅު މަނިޓަރީ ޕޮލިސީތައް އެކުލަވާލާ އިންފްލޭޝަން ތިރިކުރުމަށް މަސައްކަތްކުރުމަކީ މިދަނޑިވަޅުގައި ކުރަން، ކިތަންމެ އުނަދގުލަސް، މަޖުބޫރު ކަމެއްކަމުގައި އިގްތިޞާދީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ޖޫން މަހުގެ ނިޔަލަށް އެކި ޤައުމުތަކުގެ ސަރުކާރުތަކުން ހަމަކޮށްފައިވާ ޑޭޓާއަށް ބޭސްކޮށް، ޓްރޭޑިން އިކޮނޮމިކްސް ވެބްސައިތުގައި ޝާއިއުކޮށްފައިވާގޮތުން، ދުނިޔޭގެ 172 ޤައުމުގެ ތެރެއިން 63 ޤައުމެއްގެ އިންފްލޭޝަން މިހާރު ހުރީ %10 އަށްވުރެ މަތީގައެވެ. އަދި މިވަގުތު ދުނިޔޭގެ އެންމެ އިންފްލޭޝަން މަތި 10 ޤައުމުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ ހިމެނޭކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު %14.2 ގައި ހުރި ސްރީ ލަންކާގެ އިންފްލޭޝަން ރޭޓް މެއި މަހުގެ ނިޔަލަށް %39.1 އަށް އަދި ފާއިތުވީ ޖޫން މަހުގެ ނިޔަލަށް 54.6% އަށް ވަނީ އަރާފައެވެ. އަވައްޓެރި އެހެން ޤައުމުތަކަށް ބަލާއިރު ބަންގްލަދޭޝްގެ އިންފްލޭޝަން ޖެނުއަރީ ގައި %5.86 ގަ ހުރިއިރު މެއި މަހުގެ ނިޔަލަށް ވަނީ %7.42 އަށް އަރާފައެވެ. އަދި އިންޑިއާގެ އިންފްލޭޝަން ރޭޓް ޖެނުއަރީ މަހު %6.01 ގަ ހުރެފަ މެއި މަހުގެ ނިޔަލަށް ވަނީ %7.04 އިންސައްތައަށް އަރާފައެވެ. މިއަހަރުގެ ޖެނުއަރީގައި %0.2 އިންސައްތައިގަ ހުރި ރާއްޖޭގެ އިންފްލޭޝަން މެއި މަހުގެ ނިޔަލަށް ވަނީ %2.46 އިންސައްތައަށް އަރާފައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަސްތެރޭ، އިންޑިއާގެ އިންފްލޭޝަން %1.03، ބަންގްލަދޭޝްގެ އިންފްލޭޝަން %1.56، ރާއްޖޭގެ އިންފްލޭޝަން %2.26 އަދި ލަންކާގެ އިންފްލޭޝަން %24.9 ވަނީ އުފުލިފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ މިއިން ދުވަހަކުވެސް ނިމުމުގެ މަލަމަތި ފެންނަން ނެތްއިރު، ދުނިޔޭގެ އިގްތިޞާދު މިސްރަބުޖަހާފައި މިއޮތް ރިސެޝަނުން ރާއްޖެ ފަދަ ކުޑަ އަދި އިމްޕޯޓަށް ބަރޯސަވާ ޤައުމަކަށް ނުހަނު ބޮޑެތި އަސަރުތައް ކުރާނެއެވެ. ބައެއް އަސަރުތައް މިހރުވެސް މިވަނި ކުރަން ފަށާފައެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ޤައުމުގެ އިންފްލޭޝަން އިތުރުވާނެ ފިޔަވަޅުތަކުގެ ބަދަލުގައި ދަށްކުރެވޭނެހާ ފިޔަވަޅެއް އަޅާ، ޚަރަދުތައް ކުޑަކޮށް ތައްޔާރުވެތިބުމަކީ ދުނިޔެއަށް ކުރިމަތިވާން މިއުޅޭ ތަދުމަޑުކަމުގެ އަސަރުތައް ތަހައްމަލުކުރަންޖެހޭވަރު ކުޑަ ކުރުމަށް މިހާރުން މިހާރަށް ކުރަން މަޖުބޫރު ކަމަކަށް މިއޮތީ ވެފައެވެ.
