ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން އޮސްޓްރިއާ ބަލިކޮށް، މުބާރާތް ބާއްވާ ގައުމު އިންގްލެންޑުން މޮޅަކާއެކު ފަށައިފިއެވެ.
މި ނަތީޖާއާއެކު އިންގްލެންޑުން ވަނީ މެޗަކުން ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. އިންގްލެންޑާއި، އޮސްޓްރިއާގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ ނޯވޭ އަދި ނޯދަން އަޔާލެންޑް އެވެ.
އޯލްޑް ޓްރެފޯޑްގައި ގާތްގަނޑަކަށް 68،871 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗު ފެށިގެން 16 ވަނަ މިނެޓުގައި އިންގްލެންޑުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާސެނަލް ވިމެންސް ޓީމަށް ކުޅެމުން އަންނަ ވިންގާ ބެތު މީޑް އެވެ. މިއީ އެ ޓީމުގެ ފްރޭން ކާރބީ ދިން ޕާހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު މީޑް ކާމިޔާބުކުރި ގޯލެކެވެ.
އޮސްޓްރިއާ އަށް މި މެޗުގައި ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ބާބަރާ ޑަންސްޓް ފޮނުވާލި ހަމަލާ އިންގްލެންޑްގެ ގޯލް ބަލަހައްޓަމުންދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު މޭރީ އާޕްސް ވަނީ މަތަކޮށްފައެވެ.
މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް ދެފަހަރު މަތީން އިންގްލެންޑުން ވަނީ ފައިނަލަށް ދަތުރުކޮށް، ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އެއީ 1984 އާއި 2009 ވަނަ އަހަރު އެވެ. 2017 ވަނަ އަހަރުގައި އެންމެ ފަހުން ބޭއްވި ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ ނެދަލެންޑްސް އެވެ.
މި މަހުގެ 7 އިން 31 ގެ ނިޔަލަށް އިންގްލެންޑްގައި ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅެވޭނީ 8 ސިޓީ އަކަށް ނިސްބަތްވާ، 10 ސްޓޭޑިއަމެއްގައެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.
ސަރީނާ ވިއެގްމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑަށް ދެން އޮތީ އަންނަ ހޯމަ ދުވަހު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނިކުންނާނީ ގްރޫޕު އޭ ގައި ހިމެނޭ ނޯވޭއާ ނޯދަން އަޔާލެންޑް އެވެ. މި މެޗު ފަށާނީ މިރޭ 00:00 ގައެވެ.
