މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ފަހަތުންއަރައި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ބަލިކޮށް ސާބިއާގެ ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި ޖޮކޮވިޗް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން އެ މުބާރާތުގެ ތަށި އުފުލާލި ހަތަރުވަނަ ފަހަރެވެ.
ޖޮކޮވިޗް، 35، މިރޭގެ ފައިނަލް މެޗު ކާމިޔާބުކުރީ ކިރްގިއޯސް ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ތިން ސެޓުން ކުރިހޯދައިގެންނެވެ.
ސެންޓަރކޯޓުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ސެޓުގައި ކިރްގިއޯސް ކުރި މޮޅު ސާރވްތަކާއެކު ޖޮކޮވިޗްގެ މައްޗަށް ކުރިހޯދީ 6-4 އިންނެވެ.

އެކަމަކު، ޖޮކޮވިޗް ވަނީ ދެން ޖެހިގެންއައި ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސް ފައިނަލް މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު ހަތަރުވަނަ ސެޓުގައި ޖޮކޮވިޗް ކުރިހޯދީ 7-6 (7-3) އިންނެވެ.
މިރޭ ކުޅުނު މެޗު ކާމިޔާބުކުރުމާއެކު ޖޮކޮވިޗް ވަނީ ޓެނިހުގެ ތާރީހުގައި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތަށި ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި ލިސްޓުގެ އެންމެ ކުރީގައި 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެން ސްޕެއިނުގެ ރަފައެލް ނަޑާލް އުޅޭއިރު، ޖޮކޮވިޗް ދެވަނައިގައި އޮތީ 21 ގްރޭންޑް ސްލޭމް ތަށްޓާއެކު އެވެ. ތިންވަނައިގައި އުޅޭ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އަށް ކާމިޔާބުކުރެވިފައިވަނީ 20 ގްރޭންޑް ސްލޭމް މުބާރާތެވެ.
