މިއަހަރުގެ އަޟްހާ ޢީދާއި ދިމާކޮށް ތ.ތިމަރަފުށީގައި ކުރިއަށްދިޔަ ޓައިމްސް އީދު އުފާ 1443 ގެ 4 އޮން 4 މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ކަންމަތި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މިފަހަރުގެ މުބާރާތުގެ 16 އަހަރުން މަތީގެ ބައިންނާއި، 16 އަހަރުން ދަށުގެ 4 އޮން 4 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަންމަތި ސްޕޯޓްސް އަށް ނިސްބަތްވާ ދެ ޓީމުންނެވެ.
އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި 16 އަހަރުން ދަށުގެ 4 އޮން 4 ފައިނަލްގައި ޑާކްސިޓީއާ ދެކޮޅަށް ސަންސް އޮފް ކަންމަތި ސްޕޯޓްސް ކްލަބު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން އެންމެ ފުރަތަމަ ފޮނުވާލި ފަސް ޕެނަލްޓީ ނާކާމިޔާބުވުމުން ދެން ޖެހި ދެ ޕެނަލްޓީގެ ތެރެއިން ޑާކްސިޓީގެ އާހިލް ފޮނުވާލި ޕެނަލްޓީ ކާމިޔާބުނުކުރެވުނުއިރު، ސަންސް އޮފް ކަންމަތި ސްޕޯޓްސްގެ އިޒުމާން ވަނީ ޕެނަލްޓީ ވައްދާލައި، އެ ޓީމަށް ތަށި ކަށަވަރުކޮށްދީފައެވެ.
16 އަހަރުން މަތީގެ 4 އޮން 4 ފައިނަލްގައި ކަންމަތި ސްޕޯޓްސް އިން ވަނީ 2-0 ގެ ނަތީޖާއަކުން ފަޅުމަސް ޓީމު ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ.

ރާއްޖޭގެ ފުޓްސަލްގައި ވެސް ވިދުންގަދަ އާދަމް ނާސިހު (އާދަންނާ) ހިމެނޭ ކަންމަތި ސްޕޯޓްސް އިން ވަނީ ދެވަނަ ހާފުގައި ގާތްގާތުގައި ދެލަނޑުޖަހައި، ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ އަހުމަދު ޔާމިން (ޔާންޓޭ) އެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން، އާދަންނާ ވަނީ ކަންމަތި ސްޕޯޓްސްގެ ދެވަނަ ގޯލްޖަހައިދީ އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އާދަންނާ އެވެ.
މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، 16 އަހަރުން ދަށުގެ 4 އޮން 4 ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ސަންސް އޮފް ކަންމަތި ސްޕޯޓްސްގެ ހަމައެކަނި ލަނޑުޖަހައިދިން އިޒުމާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އިޒުމާން އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރަންބޫޓް ހާސިލްކުރީ ސަންސް އޮފް ކަންމަތި ސްޕޯޓްސްގެ މިރާހު އެވެ.
16 އަހަރުން މަތީގެ 4 އޮން 4 މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި ސްޕޯޓްސްގެ އަހުމަދު ހައިލަމް އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓް ހާސިލްކުރީ ކަންމަތި ސްޕޯޓްސްގެ ހައިލަމް އާއި ފަޅުމަސް ޓީމުގެ އަހުމަދު ތޯހިރު އެވެ.
16 އަހަރުން ދަށުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ؛ ސަންސް އޮފް ކަންމަތި ސްޕޯޓްސްގެ އިޒުމާން އާއި މިރާހު، ޑާކްސިޓީގެ އާހިލް، އަދި ފަޅުމަސް ޖޫނިއާގެ އަރާޝް އެވެ.
16 އަހަރުން މަތީ 4 އޮން 4 މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ؛ ކަންމަތި ސްޕޯޓްސްގެ ހައިލަމް، ފަޅުމަސް ޓީމުގެ ތޯހިރު، ޔެޓްގެ އަފްލާޒް އަދި ރިވެންޖް ކަންމަތިގެ ހުސާން ހަސަން އެވެ.
