ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، ސްޕެއިނުގެ ބާސެލޯނާ އަށް ވިއްކާލަން ބަޔާން މިއުނިކުން އެއްބަސްވެއްޖެއެވެ.
ލެވަންޑޯސްކީ، 33, ގަތުމަށް ބާސެލޯނާ އިން ބަޔާނަށް ފުރަތަމަ 45 މިލިއަން ޔޫރޯ ދިނުމަށްފަހު، އެ ޓީމުގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު 5 މިލިއަން ޔޫރޯ ދޭނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލެވަންޑޯސްކީ ބާސެލޯނާއާ ގުޅޭނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ހިލޭ ޓްރާންސްފާއެއްގައި 2014 ވަނަ އަހަރު ބަޔާނަށް ބަދަލުވެ، ލެވަންޑޯސްކީ ލަނޑުޖެހުމުގެ އެތައް ރެކޯޑެއް ގާއިމްކޮށްފައެވެ. އެގޮތުން، ބުންޑެސްލީގާގެ 2020/21 ވަނަ އަހަރުގެ ސީޒަނުގައި ލީގުގައި ޖެހި 41 ގޯލަކީ ރެކޯޑެކެވެ.
އޭނާ ވަނީ ބަޔާންގެ ޖާޒީގައި ކުޅުނު 373 މެޗުގައި 343 ލަނޑުޖަހާފައެވެ. އަދި ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.
ޕޮލެންޑްގެ ގައުމީ ޓީމާއެކު ގަތަރުގައި މިއަހަރު ބާއްވާ ފީފާ ވޯލްޑްކަޕުން ޖާގަ ހޯދާފައިވާއިރު، ލެވަންޑޯސްކީ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 132 މެޗުގައި 76 ގޯލް ޖަހާފައެވެ.
ލެވަންޑޯސްކީ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ފީއެއް ދައްކައިގެން ބާސެލޯނާއިން ގެންނަ ދެވަނަ ކުޅުންތެރިޔާ އެވެ. ދާދިފަހުން ބާސެލޯނާއިން ވަނީ ލީޑްސް ޔުނައިޓެޑަށް 67 މިލިއަން ޔޫރޯ ދައްކަން އެއްބަސްވެ، އެ ޓީމުގެ ބްރެޒިލްގެ ތަރި ރަފީނިއާގެ ސޮއި ހޯދާފައެވެ. އަދި އޭގެކުރިން، ހިލޭ ޓްރާންސްފާގައި ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަން އާއި އޭސީ މިލާންގެ ފްރޭންކް ކެސިއޭ ވަނީ ބާސެލޯނާއާ ގުޅިފައެވެ.
