ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންދެކެ، އިންތިހާއަށް ލޯބިވެއެވެ. އެ ލޯބީގައި ބައެއް ބެލެނިވެރިން ކަނުވެ ދާތަންވެސް ފެނެއެވެ. ދަރިން ބަލި ވުމަކީ މައިމީހުންނަށް ބަރުދާސްތުކުރަން އެހާ ފަސޭހަ ކަމަށް ނުވެއެވެ. އެހެންކަމުން ދަރިއަކު ބަލިވުމުން މައިންބައިން "ތެޅިގަންނަތަން" ފެނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކުޑަކުއްޖަކު ހުން އައުމުން ގޭގައި ދެވިދާނޭ ބައެއް ފަރުވާތަކަށެވެ.

ހުން އައުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް މި އާދައިވެ ކަންތައް ބޮޑުވެ ގޯސްވަނީ އެ ހުން ނުފިލާނަމައެވެ. އެ ހުން މާ ގަދަވާނަމައެވެ. އެ ހުމާއި ގުޅިގެން ދެން އިތުރު އެތައް ކަމެއް ދިމައިވާތީއެވެ. ހުންގަނޑު މައިތިރި ނުވެ މަތިވަމުންދާނަމަ، ކުޑަ ކުއްޖާ ހީކަރުވާ ތުރުތުރުލާ، އެ ހީކެރުވުމާ ތުރުތުރުލުން ކޮންޓްރޯލު ނުވެ ފިޓު ޖެހޭ ގޮތް ވެއެވެ. ކަން އޮތީ މިހެން ކަމުން ކުއްޖާގެ ހުންގަނޑު މާ ގަދަ ކުރާނަމަ، ކޮންމެހެން ޑަކްޓަރަކަށް ދައްކާ ފަރުވާއެއް ލިބެންދެން މަޑުކުރުމެއް ނެތެވެ. އެ ހުންގަނޑު މައިތިރި ކުރަން ގޭގައިވެސް ކުރެވިދާނޭ ބައިވަރު ކަންތައް ހުރެއެވެ.

ހުން އައުމަކީ ކުއްޖާ "ޑީހައިޑްރޭޓް" ކޮށްލާނޭ ކަމެކެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކީ ގިނައިން ދިޔާއެއްޗެހި ބުއިމެވެ. ނުވަތަ ދިނުމެވެ. ކުއްޖާ މިކަމަށް އިންކާރު ކުރާނަމަވެސް ހިތްވަރެއް ލާފާ ދިޔާއެއްޗެހި ގިނައިން ދެވޭތޯ ބަލަންވާނެއެވެ. ދިޔާއެއްޗެހި ދިނުމުގެ އިތުރަށް ތެތްފޮތި ލުމަކީ މުހިންމު ކަމެކެވެ. މިއަށް ޓެޕިޑް ސްޕޮންޖިން އޭ ކިޔައެވެ. މިއީ ފެނުން ތެތްމާފައިވާ ފޮތިކޮޅެއް ކުއްޖާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބާއްވާފައި އޮންނަ އޮތުމެކެވެ. މިފަދައިން ތެތްމާއިރު އާދައިގެ ފިނި ހޫނުމިނެއްގެ ފެންވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ކުޑަކޮށް ތާފަނާ ފެންވެސް ބޭނުން ކުރެވިދާނެއެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެންމެ ނަތީޖާ ރަނގަޅީ ކުޑަކޮށް ތާފަނާ ފެން ބޭނުން ކުރުމުންނެވެ.

ތެތްފޮތި ލާއިރު ނުވަތަ ޓެޕިޑް ސްޕޮންޖިން ހަދާއިރު، ތެތްމާފައިވާ ފޮތިކޮޅުތައް ބާއްވާނީ ކުއްޖާގެ ނިއްކުރީގައްޔާއި ދެ ކިހިލިފަތް ދަށުގަ އާއި ދެ ފައިވަޅުގައެވެ. އަދި ދެފައި ތިލާގަވެސް ބޭނުން ކުރެވިދާނެއެވެ. ކުއްޖާގެ އަންނައުނު ބާލާ، ހުސްގަޔަށް ހެދުމަށްފަހު (ނެޕީ ނުވަތަ ސޯޓު ފިޔަވައި އެހެން ހުރިހާ އަންނައުނެއް ބޭލުމަށްފަހު) ތެތްފޮތި، މި ދެންނެވި އުސޫލުން ލުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. މިފަދައިން ކުއްޖާ ބާއްވާފައި އޮންނަ ކޮޓަރީގެ ފިނިހޫނުމިން ހުންނަން ވާނީ އާންމު ފިނިހޫނުމިނެއްގައެވެ. ފިނިގަދަ ކޮށްފައި ހުރުން ރަނގަޅެއް ނުވާނެއެވެ. ތެތްފޮތި ލާއިރު، ކުއްޖާ ގަދައަށް ތުރުތުރުލާނަމަ އެކަން މަޑުޖައްސާލާ، ފެނުގެ ތާފަނާކަން އިތުރުކޮށްލާށެވެ. ކުއްޖާއީ ތަންކޮޅެއް ބޮޑު ކުއްޖެއްނަމަ ތެތްފޮތި ލުމުގެ ބަދަލުވައި ފެންވަރުވާވެސް ލެވިދާނެއެވެ. މިކަމުގައިވެސް ކުއްޖާ ތުރުތުރުލާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ. މާ ގަދައަށް ހީކަރުވާ ތުރުތުރު އެޅުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

ތެތްފޮތި ލުން ނުވަތަ ޓެޕިޑް ސްޕޮންޖިން އަކީ ހުން މައިތިރި ކުރުމުގައި މޮޅު ފަރުވާއެކެވެ. މީގެ އިތުރުން ފެން ވެރުމާއި، ވައި ދަތުރުކުރާނޭ ފަދަ ތުނި ފޭރާމެއް ލެއްވުމަކީވެސް ހުން މައިތިރިކުރަން ގޭގައި ކުރެވިދާނޭ ކަންކަމެވެ. މީގެ އިތުރުން ޕެރަަސެޓްމޯލް ސިރަޕް (ދިޔާ ބޭސް / ކުޑަކުދިންގެ ބޭސް) ގޭގައި ބޭނުން ކުރެވިދާނެއެވެ. ޑަކްޓަރަކަށް ދައްކާ ޑަކްޓަރުގެ ލަފާގެ މަތިން ފަރުވާ ހޯދަން ލަސް ނުކުރާށެވެ. ގޭގައިވެސް ފަރުވާ ފަށާށެވެ. ހުން މައިތިރި ނުވެ ގަދަވަމުން ދާނަމަ، ފިޓު ޖެހި ނުރައްކާ ހާލަތަކަށް ހިނގައިދާނެއެވެ. އެހެންކަމުން، ދަރިންގެ ފުރާނައަށް ރައްކާތެރިވެ، ހުން އައުމާއި އެކު އަޅާލާ އޯގާތެރިވާށެވެ. ގޭގައި ދެވެންހުރި ފަރުވާތައް ގަަވައިދުން، ފަރުވާތެރިކަމާއެކީ އެ ދަރިންނަށް ދޭށެވެ! ޑަކްޓަރަށް ދައްކާފައި ނޫނީ ފަރުވާ ކުރަން ފަށަން، މަޑު ނުކުރާށެވެ.