އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކްލަބް ޓީނޭޖް 2-1 އިން ބަލިކޮށް، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދީފިއެވެ.

ރޭގެ މެޗަކީ މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ނިއު އިން ކުޅުނު ފުރަތަމަ މެޗެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އާއި އެފްއޭއެމުން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ޓީމު ސަސްޕެންޑްކުރުމުން އެ އަދަބުން ސަލާމަތްވެވުނީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ނިއު އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ގާނާގެ ފޯވާޑް ކޯފޫ އޮވޫސޫ އެވެ. މި ހާފު ނިމުނީ 1-0 އިން ނިއު ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޓީނޭޖަށް އެއްވަރުކޮށްދިނީ އަހުމަދު އަލީ އަފީފީ އެވެ. އޭގެފަހުން، ނިއު މޮޅުކޮށްދިން ލަނޑު، 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އޮވޫސޫ އެވެ.

ނިއުގެ އިތުރުން ކުރީގެ ގަދަބާރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ވަނީ ސަސްޕެންޝަނުން ސަލަމާތްވެ، ދެވަނަ ޑިވިޝަނުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މިފަހަރުގެ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ނިއު އާއި ވިކްޓްރީ ހިމެނުނީ އެއް ގްރޫޕެއްގައެވެ. އެގޮތުން، އެ މުބާރާތުގައި މި މަހުގެ 24 ވާ އާދީއްތަ ދުވަހު ނިއުއާ ވިކްޓްރީ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. އަދި މިރޭ ކުޅޭ މެޗުގައި ކްލަބް ޕީކޭ ނިކުންނާނީ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައެވެ.