ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ވެހޭތާ ފެންނަގާށޭ ބުނާ ބަހަކީ ހަރުބަހެކެވެ. މިއީ މިއަދު ވަރަށް ގިނަ މީހުން އެނގި ދަސްކުރަން ޖެހޭ ބަހެކެވެ. އަހަރެމެންގެ ގިނަ ޒުވާނުންނަށް މި ބަހުގައި މި ބުނާ އުސޫލުން ކަން ކުރާކަށް ނޭނގެއެވެ.

މި ބަހުގެ ބަހަވީ ބާނައަށް ބަލާލާނަމަ، މި ބަހުގައި މި ބުނަނީ ވާރޭ ވެވޭ ގަޑީގައި ނުވަތަ ވަގުތުގައި ވާރޭފެން ނަގާށޭ އެވެ. ވާރޭފެނަކީ ވާރޭ ވެހޭ ވަގުތެއްގައި ނޫނީ ނެގޭނޭ (އުޑުން އަންނަ ވާރޭ) ފެނެއް ނޫނެވެ. އެހެންކަމުން ވާރޭފެން ބޭނުން މީހާ އެ ފެން ނަގަން ޖެހޭނީ ވާރޭ ވެހޭ ގަޑީގައެވެ.

މި ބަހުގެ ހަގީގީ މާނައަށް ބަލާލާނަމަ މި ބަހުގައި މި ބުނެވެނީ ކަމެއް ބޭނުން ވާނަމަ އެކަމެއް ކުރަން އޮންނަ ވަގުތުގައި އެކަމެއް ކުރުމުގެ ވާހަކައެވެ. އެ ވަގުތެއްގައި އެކަމެއް ކޮށްފިނަމަ، ވަގުތު ފާއިތުވުމުން ހިތާމަކޮށް ކަރުނަ އަޅާކަށް ނުޖެހޭނެއެވެ. ހަމަ އެގޮތަށް ލިބޭތާ ލިބިގަތުމުގެ މާނައިގައިވެސް މި ބަސް ބޭނުންކޮށް އުޅެއެވެ. އެއްޗެއް ނުވަތަ ކަމެއް ފަހި ކަމާއެކު ލިބެން ނުވަތަ ވާން އޮތްނަމަ އެ ވަގުތެއްގައި އެ އެއްޗެއް ހޯދާށެވެ. ނުވަތަ އެ ކަމެއް ކުރާށޭ ބުނާ މާނައިގެވެސް މި ބަސް ބޭނުންކޮށް އުޅެއެވެ.