ޔުވެންޓަސް އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ސެންޓްރަލް ޑިފެންޑަރު މަތައިސް ޑި ލިޓް ގަތުމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެ ޓީމާއެކު އެއްބަސްވުމަކަށްއައިއިރު، ހިލޭ ޓްރާންސްފާއެއްގައި އާޖެންޓީނާގެ ޕައޮލޯ ޑިބާލާ ވަނީ އޭއެސް ރޯމާ އަށް ބަދަލުވާން އެއްބަސްވެފައެވެ.
ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔުވެންޓަސް އިން ޑި ލިޓް، 22، ބަޔާނަށް ދޫކޮށްލަން އެއްބަސްވީ ޖުމްލައެކު 80 މިލިއަން ޔޫރޯ އަށެވެ. މީގެތެރެއިން، 10 މިލިއަން ޔޫރޯ އަކީ ބަޔާނުގައި ދައްކާ ކުޅުމަށް ބަލާފައިވާ ދެ ޓީމުން އެއްބަސްވެފައިވާ އަދަދެކެވެ. ބަޔާނަށް ޑި ލިޓް ސޮއިކުރީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.
އަޔެކްސް އެމްސްޓެޑަމް އިން 2019 ވަނަ އަހަރު 85.5 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ޔުވެންޓަސްއާ ގުޅުނު ޑި ލިޓް ވަނީ އެ ޓީމަށް ކުޅެދިން 117 މެޗުގައި 8 ލަނޑުޖަހައިފައެވެ. އަދި އެ ޓީމާއެކު އިޓާލިއަން ލީގު އަދި އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޑި ލިޓް ވަނީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު 38 މެޗުގައި ދެ ލަނޑުޖަހާފައެވެ. އޭނާ ވަނީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ނެދަލެންޑްސް ޓީމުގައި ވެސް ހިމެނިފައެވެ.
ޑި ލިޓް އަކީ މިފަހަރުގެ ސީޒަނަށް ބަޔާނާ ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާ އެވެ. ޑި ލިޓްގެ އިތުރުން ނެދަލެންޑްސްގެ މިޑްފީލްޑަރު ރަޔާން ގްރަވެންބާކް އާއި ލިވަޕޫލުން ސަޑިއޯ މާނޭ އަދި އަޔެކްސް އިން ހިލޭ ޓްރާންސްފާއެއްގައި ނުސޭރް މަޒްރައޮއީ ވަނީ ބަޔާނަށް ބަދަލުވެފައެވެ.
ޔުވެންޓަސްގައި މިދިޔަ ހަތް ސީޒަން ހޭދަކުރި ޑިބާލާ، އެ ޓީމު ދޫކޮށްލަން ނިންމީ އައު ކޮންޓްރެކްޓްއެއްގައި ސޮއިކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް ނާދެވުމުންނެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 293 މެޗުގައި 115 ލަނޑުޖަހައިދީ، އިތުރު 48 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. ޑިބާލާ ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 5 ފަހަރު، އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.
މީގެކުރީން، ޑިބާލާގެ އޭޖެންޓް، ޖޯޖް އަންޓުން ވަނީ އިޓަލީގެ އިންޓަ މިލާނާއި އިންގްލެންޑް އަދި ސްޕެއިނުގެ ކްލަބުތަކާއެކު މަޝްވަރާތައް ބާއްވައިފައެވެ. އެކަމަކު، އޭގެތެރެއިން އެއްވެސް ކްލަބަކާއެކު އެއްބަސްވުމަކަށް ނާދެވުމުން އެންމެ ފަހުން ރޯމާ އާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު ކޯޗު ހޯސޭ މޮރީނިއޯގެ އައު ޕްރޮޖެކްޓާ މެދު ހިތްހަމަޖެހި، އެ ޓީމާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަންވަނީ ނިންމާފައެވެ.
