މިހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި ރޭ އައިސްލެންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އިޓަލީ އަތުން 1-0 އިން ހޯދީ މޮޅާއެކު ބެލްޖިއަމުން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންގްލެންޑްގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ޑީ ގެ ފަހު މެޗުތަކަށް ރޭ ކުރިމަތިލިއިރު، ފްރާންސުން ކުއާޓާ އަށް ދަތުރުކޮށްފައިވާއިރު، އެ ގްރޫޕުގައި ދެން ހިމެނޭ އަނެއް ތިން ޓީމަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުޞަތު އޮތެވެ. އެކަމަކު، ރޭގެ މެޗުން ބެލްޖިއަމް ހޯދީ ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ޖުމްލަ ހަތަރު ޕޮއިންޓާއެކު އެ ގްރޫޕުގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ފްރާންސަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އައިސްލެންޑަށް ތިން ޕޮއިންޓާއެކު ލިބުނީ ތިންވަނަ މަގާމެވެ. އިޓަލީ ނިންމާލީ އެއް ޕޮއިންޓާއެކު އެންމެ ފުލުގައި އޮވެގެންނެވެ.

މެންޗެސްޓާގައި ހުންނަ އެކަޑެމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ ޓިނޭ ޑެ ކެއިނީ އެވެ.

މި މެޗު ފެށިގެން ކުރީކޮޅު އިޓަލީގެ ކްރިސްޓިއާނާ ޖިރެލީ ވަނީ އެ ޓީމަށް ލަނޑެއްޖަހައިދިނުމާ ގާތަށް ޖެހިލާފައެވެ. އޭގެފަހުން، ބެލްޖިއަމްގެ އުމުރުން 19 އަހަރުގެ ހަނާ ޔުރްލިންގްސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، އިޓަލީ އަށް ނަތީޖާ އެއްވަރުކޮށްދިނުމަށް ލިބުނު ފުރުޞަތުގައި ޖިރެލީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މެޗު ނިމެން ދަނިކޮށް ބެލްޖިއަމްގެ ލީޑް ފުޅާކޮށްދޭން ޓެއްސާ ވުލައާޓް ފޮނުވާލި ބޯޅަވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.

މި ގްރޫޕުގައި ރޭ އައިސްލެންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗު ފެށިގެން 46 ސިކުންތުގެ ތެރޭގައި ފްރާންސުން ލީޑްނެގީ މެލްވިން މަލާޑް އެވެ. ގިނަ ބަދަލުތަކާއެކު ރޭގެ މެޗަށް ނިކުތް ފްރާންސް ޓީމު ކޮޅަށް އައިސްލެންޑުން ވައްދާލި ލަނޑަކީ މެޗުގެ އިތުރުވަގުތުގެ 12 ވަނަ މިނެޓުގައި ރެފްރީ ދިން ޕެނަލްޓީއަކުން ޑޭނީ ބްރީންޔާސްޑޮޓިރް ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ފްރާންސުން މެޗުގެ ކުރީކޮޅު ލީޑްނެގުމާއެކު އައިސްލެންޑުން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ސްވެއިންޑިސް ޔޮންސްޑޮޓިރް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ފްރާންސްގެ ސޭންޑީ ބަލްޓިމޯރ އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގައި މަލާޑް އާއި ގްރޭސް ގެޔޯރޯ ކާމިޔާބުކުރި ގޯލްތަައް ވީއޭއާރް އިން ގަބޫލެއްނުކުރިއެވެ.

ކުއާޓާ ފައިނަލްގައި ފްރާންސް ނިކުންނާނީ އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ނެދަލެންޑްސްއާ ދެކޮޅަށެވެ. ބެލްޖިއަމް ނިކުންނާނީ ގްރޫޕް ސީގެ އެއްވަނަ އަށް ދިޔަ ސްވިޑެންއާ ދެކޮޅަށެވެ. މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިންގްލެންޑުން ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. ގްރޫޕް ބީ ގެ އެއްވަނަ މަގާމް ހާސިލްކުރި ޖަރުމަނަށް އޮތީ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.