މިހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފަހަތުންއަރައި 2-1 އިން ސްޕެއިން ބަލިކޮށް އިންގްލެންޑުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ އިންގްލެންޑުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަންގެ އިރުޝާދުގެ ދަށުން ބަލިނުވެ ނިންމާލި 18 ވަނަ މެޗެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެކަމަކު، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ސްޕެއިނުން ލީޑްނެގީ އެސްތާ ގޮންޒާލެޒް އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް އެތީނިއާ ޑެލް ކަސްޓީލޯ ވަރަށް ރީއްޗަށް އިންގްލެންޑް ރޭޗަލް ޑޭލީ ކައިރިން ނައްޓާލުމަށްފަހު އެސްތާ އަށް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ މި ފަހަރުގެ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަ މިނެޓަށްވެފައިވަނިކޮށް އިންގްލެންޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެލާ ޓޫން އެވެ. މިއީ އޭނާ އާއެކު މެންޗެސްޓާ ޔުނައިޓެޑްގެ ވިމެންސް ޓީމަށް ކުޅެމުން އަންނަ އަލެސިއާ ރުސޯ ދިން ޕާހަކުން ޓޫން ކާމިޔާބުކުރި ގޯލެކެވެ.

އިންގްލެންޑްގެ މި ލަނޑާއެކު މެޗުގެ ފުރިހަމަވަގުތު ހަމަވިިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މިއާއެކު، މެޗުގެ ނަތީޖާ ނެރުމަށް ދެން ޖެހުނީ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ. އިންގްލެންޑުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ އިތުރުވަގުތުގެ ހަވަނަ މިނެޓުގައި ޖޯޖިއާ ސްޓޭންވޭ ކާމިޔާބުކުރި ގޯލުންނެވެ.
އޭގެފަހުން، ސްޕެއިނުން ނަތީޖާ އެއްވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުން ފޮނުވާލި ހަމަލާތައް އިންގްލެންޑްގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.
ރޭގެ މެޗާއެކު ސްޕެއިނުން މިވަނީ ކުއާޓާ ފައިނަލްގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.
މި މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދި ޖަރުމަން ނިކުންނާނީ ގްރޫޕް އޭގެ ރަނަރަޕް އޮސްޓްރިއާ އާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:00 ގައެވެ.
