ތ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން މިއަދު ފެށި އޭކޭއައިއެލްއެފް 23 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ވިލުފުށި 23 އަހަރުން ދަށުގެ ޓީމު އަތުން ފަހުވަގުތު ތިމަރަފުށީ 23 އަހަރުން ދަށުގެ ޓީމު މޮޅުވެއްޖެއެވެ. މި މެޗުން ތިމަރަފުށީ ޓީމު މޮޅުވީ 1-0 އިންނެވެ.
މިއަދު ހަވީރު ވިލުފުށީ ބޯޅަ ދަނޑުގައި ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު މި ހާފު ނިމުނީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.
މި ހާފުގައި ތިމަރަފުށީ ޓީމަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކަނާތްފަޅިން ކުޅެމުންދިޔަ ޝޫރު ޝަރީފް ނަގައިދިން ބޯޅަ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި އަހުމަދު ތޯހިރު ފަޔަށް ލައްވާލައިގޮތެއްނުވިއެވެ. އޭގެފަހުން، ޝޫރު ފޮނުވާލި ދެ ބޯޅައެއް ވިލުފުށީ ޓީމުގެ ކީޕަރު މަތަކުރިއެވެ.
ދެވަނަ ހާފުގެ ބޮޑުބައި ވިއްސާރައިގެ ތެރޭގައި ކުޅެމުންދިޔައިރު، މި ހާފުގައި ވެސް ތިމަރަފުށީ ޓީމުގެ ކުޅުންތެރިން ވަނީ ވިލުފުށީގެ ގޯލަށް ނުރައްކާކޮށްފައެވެ. ތިމަރަފުށީ ޓީމުން ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރުވަގުތުގައި އަލީ އިލްމާން ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ ކެޕްޓަން އަހުމަދު ހައިލަމް (ކަޅޭ) ނެގި ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި އިލްމާން މި ލަނޑުޖެހީ ބޮލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އިލްމާން އެވެ.
ވިލުފުށީ ރައިސިން ސްޓަރސް ފޯރ ވިލުފުށި ރެކްރިއޭޝަން (އާރުއެސްވީއާރު) އިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ތިން ޓީމެއް ވާދަކުރެއެވެ. އެއީ ވިލިފުށްޓާއި، ތިމަރަފުށީގެ އިތުރުން ހިރިލަންދޫ އެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްދާ ގޮތުން، ތިން ޓީމުގެ މެދުގައި ކުޅޭ ބުރުގައި ކޮންމެ ޓީމެއް އެއް ފަހަރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ދާނީ ސީދާ ފައިނަލަށެވެ. ސެމީ ފައިނަލް ކުޅެވޭނީ މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ މަގާމަށް ހޮވޭ ޓީމުގެ މެދުގައެވެ. ސެމީގެ މެޗުން މޮޅުވާ ޓީމު ފައިނަލްގައި ނިކުންނާނީ އެއްވަނަ އަށް ހޮވުނު ޓީމާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި މެޗުގައި ތިމަރަފުށީ ޓީމުން ނިކުންނާނީ ހިރިލަންދޫއާ ދެކޮޅަށެވެ.
