ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާން އޭނާގެ ދަބަންގ ފްރެންޗައިސްގެ 04ވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފަށަން އުޅޭ ކަމުގެ އަޑުތަކެއް އަރައިފިއެވެ.
"އަންތިމް - ދަ ފައިނަލް ޓްރުތު"އިން އެންމެ ފަހުން ފެނުނު ސަލްމާން މިވަޤުތު ފަރުހާދް ސަމްޖީގެ "ބައިޖާން"ގެ މަސައްކަތުގައި އަވަދިނެތި އުޅޭއިރު މިފިލްމު ރިލީޒްކުރަން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ހަމައެއާއެކު 2023 ވަނަ އަހަރު ސަލްމާންގެ 02 ފިލްމެއް ރިލީޒްލުރަން އޭނާ ބޭނުންވާއިރު އޭގެ ތެރެއިން 01 ފިލްމު މިހާރު ވަނީ ޔަޤީންވެފައެވެ. އެއީ މަނީޝް ޝަރްމާ ޑައިރެކްޓްކުރި ފިލްމު "ޓައިގަރ 3"އެވެ. އަދި ދެވަނަ ފިލްމަކީ "ދަބަންގ 4" ކަމެއް ނުވަތަ "ނޯ އެންޓްރީ 2" ކަމެއް ޔަޤީނެއް ނުވެއެވެ.
ސަލްމާން މިހާރު މަސައްކަތް ކުރަމުންދާ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ކުރިއަށް 02 ފިލްމެއް އެބައޮތެވެ. އެއީ "ދަބަންގ 4" އާއި "ނޯ އެންޓްރީ 2"އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފަށާނީ ކޮން ފިލްމެއްގެ މަސައްކަތެއް ކަމެއް އަދި ސަލްމާން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ ފުރަތަމަ ފަށާނީ "ދަބަންގ 4"ގެ މަސައްކަތް ކަމަށެވެ. އެހެނީ "ދަބަންގ 4"ގެ އައިޑިއާ މިހާރު ތިގްމަންޝޫ ދޫލިއާ ލޮކްކޮށްފައިވާއިރު، އެ އައިޑިއާގެ މައްޗަށް އޭނާގެ ނެރޭޝަންއެއް ވަރަށް އަވަހަށް ސަލްމާނަށް ޙަވާލުކުރާނެއެވެ. ސަލްމާނަށް އެ ނެރޭޝަން ކަމުގޮސްފިނަމަ އަންނަ އަހަރުގެ ޖަނަވަރީ މަހު ޗުލްބުލް ޕާންޑޭގެ އެވެޓަރގައި ސަލްމާން 04 ވަނަ ފަހަރަށް އެނބުރި އައުމުގެ މަސައްކަތް ފަށާނެކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

"ނޯ އެންޓްރީ 2" އާއި "ދަބަންގ 4"އަކީ ވެސް ވަރަށް އަވަހަށް ކުޅެ ނިންމަން ބޭނުންވާ 02 ފިލްމު ކަމަށާއި މީގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެންދާނީ ކޮން ފިލްމެއްކަން މިއަހަރުގެ ސެޕްޓެމްބަރުގައި ފޭނުންނަށް ޙިއްސާކުރާނެ ވާހަކަ ސަލްމާން ވަނީ ބުނެފައެވެ. ސަލްމާން މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ބައިޖާން"ގައި ސަލްމާންގެ އިތުރުން ޕޫޖާ ހެގްޅޭ އާއި ޝެހެނާޒް ގިލްގެ އިތުރުން ސިދާތު ނިގަމް ވެސް ފެނިގެންދާނެއެވެ.
