ކްރޮނިކް ކިޑްނީ ޑިޒީޒް (ސީ.ކޭ.ޑީ) އޭގެ އެންމެ ފަހު ހަރުފަތް ކަމަށްވާ "ސްޓޭޖް 4" އަށް ވާސިލުވުމުން އިންސާނާގެ ކިޑްނީ އެންމެ ފުރިހަމަ ސިއްޙަތެއްގައި މަސައްކަތްކުރުން ހުއްޓާލައެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާންޖެހޭ ބޭކާރު ބައިތަކާއި ވިހަ މާއްދާތައް ހަށިގަނޑުން އެންމެ އެދެވޭގޮތެއްގައި ބޭރުކޮށްނުދެއެވެ. އެހިސާބުން ފެށިގެން މިދެންނެވުނު ބޭކާރު ބައިތަކާއި ވިހަ މާއްދާތައް ނައްތާލުމަށްޓަކައި ޑައިލިސިސް ހަދަންޖެހެއެވެ. ޑައިލިސިސްއަކީ ލޭގެ ޒަރިއްޔާއިން ހަށިގަނޑުގައިވާ ބޭކާރު ބައިތައް ނައްތާލުމެވެ. މީގެ އިތުރުންވެސް ޑައިލިސިސް ހެދުމުގެ ސަބަބުން ލޭގެ ޕްރެޝަރ ކޮންޓްރޯލްކޮށްދީ ލޭގައިވާ ކެމިކަލް އެލެމެންޓްސް ކަމަށްވާ ސޯޑިއަމް އަދި ޕޮޓޭސިއަމް ރަގަޅަށް ދައުރުކޮށްދިނުމަށް އެހީވެދެއެވެ. މިފަދަ ބަލިމީހުން ޑައިލިސިސް ނުހަދައި ލަސްކުރާނަމަ ހަށިގަނޑުގައިވާ ބޭކާރު ބައިތަކާއި ލޮނުގެ ބައިތައް ލޭގެ ތެރޭގައި ފެތުރި ހަށިގަނޑުގެ އެހެން މުހިންމު ގުނަވަންތަކަށް އޭގެ އަސަރުކުރެއެވެ.
ޑައިލިސިސް ހެދުމޭ ބުނިކަމުގައިވިޔަސް އެއީ އަޑުއަހާލަން ވަރަށްފަސޭހަ ބަހެކެވެ. ނަމަވެސް އެކަންތައް ތަޙައްމަލްކުރަމުންދާ ބަލިމީހާއަށް ވަރަށް ވޭންހުރި އަދި އޭނާގެ އެހީތެރިޔާއަށް އެހާމެ ހިތްދަތިކަން އިހުސާސްވާކަމެކެވެ. މިފަދަ ބަލިމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އެންމެ ފުރިހަމަގޮތުގައި ހުރުމަކީ ނާދިރުކަމެކެވެ. އެހެންކަމުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެޓުމަށްޓަކައި މަސައްކަތް ކުރުމަކީ ނުހަނު މުހިންމުކަމެކެވެ. މިހިސާބުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ މިފަދަ ބަލިމީހުންނަށް އަޅާލުމާއި އޯގާތެރިކަންދީ ނަފްސާނީ ދުޅަހެޔޮކަންމަތީ ތިބުމަށް ރަނގަޅު ކާނާ ކެއުމަށާއި އެމީހުންނަށް "ކެޔަރ" ކުރުމުގެ ގޮތުން ކޮންމެހެން ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ޑައިލިސިސް ހަދާ މީހުންގެ ކެއުން ބަހައްޓަންވީ ގޮތް:
ޑައިލިސިސް ހަދަމުންދާ މީހެއްނަމަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކެއުމުގެ ވައްޓަފާޅިއަށް ވަރަށްބޮޑު ބަދަލެއް ގެންނަންޖެހޭނެއެވެ. އެގޮތުން؛
- ލޮނު ނުވަތަ ލޮނުގެ ބައިތައް ހިމެނޭ ކާނާ ވީހާވެސް މަދުކުރުން އެދެވިގެންވެއެވެ. ސަބަބަކީ ހަށިގަނޑުގައިވާ ސޯޑިއަމްގެ ސަބަބުން ކަރުހިއްކުން އިތުރުކޮށްދީ ގިނައިން ދިޔާއެއްޗެހި ބޯހިތްވާނެއެވެ. އެހެންކަމުން ލޮނުގެ ބަދަލުގައި ތާޒާ ފަތްޕިލާވެލި އަދި ލުނބޯހުތް ނުވަތަ ވިނިގަރ ކާއެއްޗެހީގައި ބޭނުންކުރެވިދާނެއެވެ.
- ޕޮޓޭސިއަމް މާއްދާ ލޭގެތެރޭގައި ހަމަހަމަކޮށް ދައުރުވުމަކީ މުހިންމު ކަމެކެވެ. ޕޮޓޭސިއަމް މާމަތި ވެއްޖެނަމަ ނުވަތަ މާބޮޑަށް ދަށްވެއްޖެނަމަ ހާޓްއެޓޭކެއް ޖެހުން ވަރަށް ގާތެވެ.
- ފޮސްފޭޓް ގިނައިން އެކުލެވޭ ކާނާ ކަމަށްވާ ޑައިރީ ޕްރޮޑަކްޓްސް، ބަންދުކޮށްފައި ހުންނަ ކާނާ، ކަށިއެކުލެވޭހެން ތައްޔާރުކުރެވިފައިހުންނަ ސޫޕް އަދި ބީންސްއާއި ކޮކޯ ހިމެނޭ ކާނާއާއި ދުރުހެލިވާންވާނެއެވެ.
- ގިނައިން ޕްރޮޓިން އެކުލެވޭ ކާނާ މިސާލަކަށް، ބިސް، ސޯޔާ، މުގު، އަދި މަސްފަދަ ތަކެތި ކެއުމުގައި ހިމަނަންވާނެއެވެ.
- ޑައިލިސިސް ހަދަމުންދާ ބަލިމީހުންނަށް ކުޑަކަމުދެވޭ މިންވަރުމަދުވާނެއެވެ. އަދި ކުޑަކަމުދާ ތަކެތި ހަށިގަނޑުގައި ގިނަވުމުގެ ސަބަބުން ނޭވާކުރުވެ، ލޭގެ ޕްރެޝަރ މަތިވެ އަދި ފައި ދުޅަވުންފަދަ ކަންކަން ކުރިމަތިވެއެވެ. އެހެންކަމުން ދުވާލަކު ބޭނުންކުރެވޭ ފެން،ކޮފީ،ސައި އަދި އެހެނިހެން ދިޔާތަކެތި ޑޮކްޓަރގެ އިރުޝާދުގެ ދަށުން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ޑައިލިސިސް ހަދަމުންދާ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް:
- ކޮންމެ ދުވަހަކުވެސް އެކަމެއް ކުރުމުން ތިމާއަށް ހިންހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަމެއް ކުރެވިދާނެއެވެ. އެގޮތުން ކުރެހުން، މިއުޒިކް އަޑުއަހާލުން ނުވަތަ ފޮތެއް ކިޔާލުމުން މީހާގެ ސިކުނޑި ތާޒާވާނެއެވެ.
- ކޮންމެ ދުވަހަކުވެސް 20 މިނިޓް ނުވަތަ ބައިގަޑިއިރު ހިނގުމާއެކު ބަރާބަރަށް ނިދުން އަދި ގަވާއިދުން ގަޑިންގަޑިއަށް ބޭސްކާން އާދަކުރަންވާނެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލުއިކަން އިހްސާސްވެ ކަންނެއްކަން ފިލާދެއެވެ.
- ބޭކާރު ޙިޔާލުތަކާއި ނުބައި ވިސްނުން އެއްފަރާތްކޮށްލާށެވެ. ތިމާގެ ޑޮކްޓަރާއި ޙިޔާލުބަދަލުކޮށް ވާހަކަ ދައްކާ ހަދާށެވެ. އަދި ތިމާގަޔާވާ އާއިލީ މެމްބަރަކާއި ޙިޔާލު ބަދަލުކޮށްލާށެވެ. އެކަމުގެ ސަބަބުން ސިކުނޑި ލުއިކޮށްދީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ.
ޑައިލިސިސް ހަދާ މީހުން ނުވަތަ ސީކޭޑީ ޕޭޝެންޓުންގެ ނަފްސާނީ ބަލިކަށިކަން އެމީހުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. އެހެންކަމުން މިފަދަ ބަލިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގެންގުޅުމަކީ ވަރަށް މުހިންމުކަމެކެވެ.
