ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ހޮވި އެފްރިކާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ ހޯދައިފިއެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވިއިރު، އެ ފަހަރު އެވޯޑް ހޯދީ މާނޭ އެވެ.
މިހާރު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުން އަންނަ މާނޭ މި ފަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ އޭނާ އާއެކު ކުރީން ލިވަޕޫލަށް ކުޅުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި ޗެލްސީގެ ސެނެގޯލް ކީޕަރު އެޑޮއާޑް މެންޑީއާ ވާދަކޮށެވެ.
"މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން އަހަރެން މިހުރީ ވަރަށް އުފަލުން،"

"އަހަރެން ބޭނުން ސެނެގޯލްގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. މި އެވޯޑް ހާއްސަކުރަނީ އަހަރެމެންގެ ގައުމުގެ ހުރިހާ ޒުވާނުންނަށް." މާނޭ ބުންޏެވެ.
މާނޭ، 30، އަކީ މިފަހަރުގެ އެވޯޑް ހަފްލާގައި ސެނެގޯލަށް ނިސްބަތްވާ ފިރިހެނުންގެ ތެރެއިން އެވޯޑެއް ހާސިލްކުރި ފަސްވަނަ ފަރާތެވެ. އަހަރުގެ އެންމެ މޮޅު ކޯޗަކަށް ސެނެގޯލްގެ މިހާރުގެ ކޯޗު އަލިއޯ ސީސޭ ހޮވުނުއިރު، އެންމެ މޮޅު ޓީމުގެ އެވޯޑް ހޯދީ ސެނެގޯލް ގައުމީ ޓީމެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ޕާޕޭ ސާރ ހޮވުނުއިރު، އަހަރުގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ޓެންޒޭނިއާގެ ސިމްބާ އަށް ކުޅެމުން އަންނަ ސެނެގޯލްގެ ޕާޕޭ އޮސްމާނޭ ސާކޯ އޯވަހެޑް ކިކަކުން ކާމިޔާބުކުރި ގޯލެވެ.
މާނޭ ވަނީ ސެނެގޯލް އާއެކު މި އަހަރުގެ ކުރީކޮޅު ބޭއްވުނު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަދި އޭނާގެ ކުރީގެ ކްލަބު ލިވަޕޫލުން މިދިޔަ ސީޒަނުގައި އެފްއޭކަޕާއި، ލީގު ކަޕް އުފުލާލިއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި މާނޭ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. މީގެއިތުރުން، އަންނަ ނޮވެންބަރު މަހުގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ސެނެގޯލް ކޮލިފައިކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރީ މާނޭ އެވެ.
މާނޭ އަކީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި ބަޔާނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ އެލް ހާޖީ ދިއުފް މި އެވޯޑް ހޯދިފަހުން މި މަގާމު ހާސިލްކުރި ސެނެގޯލްގެ ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.
✌Player of the Year awards for Sadio Mane ?? in the last 5️⃣ editions.
?#3Sports #CAFAwards2022 pic.twitter.com/1TtA7uCjMq
— #3Sports (@3SportsGh) July 21, 2022
2022 ވަނަ އަހަރު ސީއޭއެފް އެވޯޑް ލިބުނު ފަރާތްތައް:
އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން): ސަޑިއޯ މާނޭ - ސެނެގޯލް / ބަޔާން މިއުނިކް
އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (އަންހެން): އަސިސަޓް އޮޝޮއޯލާ - ނައިޖީރިއާ / ބާސެލޯނާ
އަހަރުގެ އެންމެ މޮޅު ކޯޗު (ފިރިހެން): އަލިއޯ ސީސޭ - ސެނެގޯލް
އަހަރުގެ އެންމެ މޮޅު ކޯޗު (އަންހެން): ޑެޒައިރީ އެލިސް - ދެކުނު އެފްރިކާ
އަހަރުގެ އެންމެ މޮޅު ގައުމީ ޓީމު (ފިރިހެން): ސެނެގޯލް
އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާ (އަންހެން): އެވެލީން ބަޑޫ - ގާނާ / ސެކޮންޑި ހަސާކަސް ލޭޑީސް / އަލްވަލްޑްސްނެސް
އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާ (ފިރިހެން): ޕާޕޭ ސާރ - ސެނެގޯލް / ޓޮޓެންހަމް ހޮޓްސްޕާ
އަހަރުގެ އެންމެ މޮޅު ކްލަބު (ފިރިހެން): މަމެލޮޑީ ސަންޑައުންސް (ދެކުނު އެފްރިކާ)
އަހަރުގެ އެންމެ މޮޅު ކްލަބު (އަންހެން): ވައިޑާޑް އެތުލެޓިކް ކްލަބު (މޮރޮކޯ)
އަހަރުގެ އެންމެ މޮޅު ގޯލް: ޕާޕޭ އޮސްމާނެ ސަކޯ - ސެނެގޯލް / ސިމްބާ
