ބްރައިޓަންގެ ސްޕެއިން ފުލްބެކް މާކް ކުކުރޭލާ ގަތުމަށް މެންޗެސްޓާ ސިޓީ އިން ހުށަހެޅި ބިޑަށް އެ ކްލަބުން ނޫނެކޭ ބުނެފިއެވެ.
ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުކުރޭލާ، 24، ގަތުމަށް ސިޓީން ހުށަހެޅީ 30 މިލިއަން ޕައުންޑް (35 މިލިއަން ޔޫރޯ) ގެ ބިޑެކެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކަޑެމީން ތަމްރީންވި ކުކުރޭލާ، ބާސެލޯނާ ދޫކޮށްލުމަށްފަހު 2020-2021 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނީ ގެޓަފޭ އަށެވެ. އެ ޓީމުގައި ވިދާލުމާއެކު ބްރައިޓަން އިން މިދިޔަ އޯގަސްޓް މަހުގައި ގެޓަފޭ އިން ކުކުރޭލާ ގަތީ 18 މިލިއަން ޔޫރޯ އަށެވެ. އަދި އޭނާ އާއެކު އެ ޓީމުން ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.
ބްރައިޓަންގައި ނިމިދިޔަ ސީޒަނުގައި ކުކުރޭލާ ދެއްކި މޮޅު ކުޅުމާއެކު ސިޓީގެ އިތުރުން ޗެލްސީން ވެސް އޭނާ ގެންދިއުމަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެއިތުރުން، މިދިޔަ މަހުގައި ޓޮޓެންހަމް ހޮޓްސްޕާ އަށް 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ބްރައިޓަންގެ މާލީ މިޑްފީލްޑަރު އީވްސް ބިސޫމާ ވިއްކާލައިފައިވުމާއެކު އެ ޓީމު އިތުރު ކުޅުންތެރިން ވިއްކާލުމަށް މާބޮޑު ޕްރެޝަރެއް ނެތެވެ.
އެހެންކަމުން، ބްރައިޓަން އިން ކުކުރޭލާ ވިއްކާލާނީ މަދުވެގެން 50 މިލިއަން ޕައުންޑްގެ ބިޑެއް ލިބިއްޖެނަމަ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސިޓީން ކުކުރޭލާ ގަތުމަށް މަސައްކަތް ފެށީ ޔޫކްރޭންގެ އޮލެކްސެންޑަ ޒިންޗެންކޯ އެ ކްލަބު ދޫކޮށް އާސެނަލަށް ބަދަލުވާން އެއްބަސްވުމުން އޭނާ ނެތްތަން ފޫބެއްދުމުގެ ގޮތުންނެވެ.
މިހާތަނަށްއައިއިރު ސިޓީން ވަނީ ލީޑްސް ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް އާއި ބޮރޫޝިއާ ޑޯޓްމަންޑްގައި ވިދާލި ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ސޮއި ހޯދާފައެވެ. އެ ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ޒިންޗެންކޯ އާއި ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ހިމެނެއެވެ.
