އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބާކީ ދެ މެޗު އޮއްވައި ލީގު ކަށަވަރުކޮށްފިއެވެ.
މިއީ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ވިދިވިދިގެން ހޯދީ ތިންވަނަ ފަހަރެވެ. އަދި މިހާތަނަށް ޗެމްޕިއަންކަން ހޯދީ ހަތަރުވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު އެވެ. އަދި އޭގެފަހުން، 2019-2020، 2020-2021 އަދި 2021-2022 ގައެވެ.
މިއަދުގެ މެޗާއެކު މާޒިޔާ އެއްވަނައިގައި އޮތީ 19 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އުޅޭ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 18 މެޗުން 26 ޕޮއިންޓެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީގުގެ އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ ކޮޅަށް މާޒިޔާ އިން ވައްދާލި ހަމައެކަނި ލަނޑުޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޓަނާ މި ލަނޑުޖެހީ އެ ޓީމުގެ ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި މާޒިޔާ އަށް ޓަނާ ޖަހައިދިން 21 ވަނަ ގޯލެވެ.
ލީގުގައި މިހާތަނަށް ކުޅުނު 19 މެޗަށްފަހު ދަ ގްރާންޑޭ އޮތީ އެއް ޕޮއިންޓާއެކު ފުލުގައެވެ. މިއާއެކު، އެ ޓީމަށް ލީގުގެ ފުލުގައި އޮވެ ނިންމާލަންޖެހޭނެކަން ކަށަވަރުވެފައިވާއިރު، އަންނަ ސީޒަނުގައި ލީގުގައި ދެމި އޮންނަން މި ފަހަރު އެ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. ރެލިގޭޝަނުގައި ކުޅެނީ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕް އެވެ.
