ގައުމީ ކެރަމް ޓީމުން ހަތް ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ޅ. ހިންނަވަރަށް މިއަދު ފުރައިފިއެވެ.

މި ޓްރެއިނިން ކޭމްޕަކީ އަންނަ އޮކްޓޫބަރު މަހުގެ 3-7 އަށް މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެއްކަމަށް ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހުސެއިން ރައުޝާން ވިދާޅުވިއެވެ.

މިއަދު ހިންނަވަރަށް ފުރި ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު، އާދަމް އަދީލް، އަހުމަދު ޖަލާލް އަލީ އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އައިޝަތު ނަހުފާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، އާމިނަތު ވިޝާމާ، ފާތިމަތު ރަޔާނާ އަދި އާމިނަތު ޝުބާ އެވެ.

ރައުޝާން ވިދާޅުވީ މި ގޮތަށް ކޭމްޕްކުރުމުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިން މުބާރާތަށް ފޯކަސް ކުރާ މިންވަރު އިތުރު ކުރުމާއި ޓީމު ރޫޚު ވަރުގަދަ ކުރުން ކަމަށެވެ.

މި ފަހަރުގެ ޓްރެއިނިންގ ކޭމްޕްގައި ގައުމީ ކެރަމް ޓީމުގެ ކޯޗެއްގެ ގޮތުގައި 2012 ވަނަ އަހަރުގެ ދުނިޔޭގެ ކެރަމް ޗެމްޕިއަން ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯ ވެސް ބައިވެރިވާނެ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މި ޓްރެއިނިންގ ކޭމްޕަށް ގައުމީ ޓީމު ފުރުވުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށާއި، މީގެއިތުރުން ހިންނަވަރު ކައުންސިލާއި، އެ ރަށު ޔޫތު ސެންޓަރު އަދި ހުޅުމާލެ ސިޓީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު އަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.