ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެޑެލްވައިސް އިން ރާއްޖެއަށް ކުރި ދަތުރުތައް ކޮވިޑް 19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އެ ދަތުރުތައް އަލުން ފެށީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އިއްޔެ އެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު ޒިއުރިކް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) އާ ދެމެދު ހަފުތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި ސްވިޒަލޭންޑަކީ މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މަންޒިލްތަކުގެ ތެރޭގައިވެސް ސްވިޒަލޭންޑް ހިމެނެއެވެ. މިއަހަރު މިހާތަނަށް ވެސް އެގައުމުން ވަނީ 9000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އަށް 16،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
