މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ރޭ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ގްރޫޕުގެ އެއްވަނަ އަށް ޖެހިލާފައެވެ.

މި ނަތީޖާއާއެކު ނިއު ހިމެނޭ ގްރޫޕް ބީ ގެ އެއްވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެ، ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އެލްޓީ ސްޕޯޓްސް ކްލަބު އޮތްއިރު، ވިކްޓްރީ އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ކްލަބް ޓީނޭޖާއި ފަސްވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއްނުލިބެއެވެ.

ގަލޮޅު ދަނޑުގައި ނިސްބަތުން ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ނިއު އިން ވަނީ ލީޑްނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ސުހެއިލް (ބަމްޕުޗު) އެވެ. މިއީ ނިއުގެ ގާނާ ފޯވާޑް ކޯފީ އޮވޫސޫ ދިން ބޯޅައަކުން ބަމްޕުޗު ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ކޯފީ ވަނީ އިތުރު ދެލަނޑުޖަހައި ނިއު އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ދެ ގޯލްގައި ވެސް ބަމްޕުޗުގެ ދައުރު ބޮޑެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ނިއު އިން ލަނޑެއްޖަހަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ގާނާ ފޯވާޑް ކޯފީ އަށް ހެޓްރިކް ހަދަން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި ވިކްޓްރީގެ އިސްމާއިލް ނަސީމް އާއި އަހުމަދު ހުސެއިން ފޮނުވާލި ހަމަލާތައް ނިއުގެ ގޯލްކީޕަރު މިފްދާދު އަހުމަދު މަތަކުރިއެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ވިކްޓްރީ އަށް ލިބުނު ޕެނަލްޓީއަކުން ލެބަނަން ފޯވާޑް މުހައްމަދު ކުޑޫ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 86 ވަނަ މިނެޓުގައި ވިކްޓްރީގެ ހުސެއިން ޝަމީން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް އުނދަގޫތައް ކުރިމަތިވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ އިތުރުވަގުތުގައި ނިއު އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ގާނާ މިޑްފީލްޑަރު ތޯރިގް ޖެބްރިން ވަނީ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ.

ރޭގެ މެޗަކީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އަތުން 3-1 އިން ނިއު މޮޅުވިފަހުން ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބުން، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނައިރު މިރޭގެ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ނިކުންނާނީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.