އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ބިސް ބުރު ސްޕޯޓްސް ކްލަބު ކޮޅަށް ބުރު ސްޕޯޓްސް ކްލަބުން ލަނޑު ގޯންޏެއް އޮއްސާލައި، ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ. މި މެޗުން ބުރު މޮޅުވީ 6-0 އިންނެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ބުރު މޮޅުވި ހަތަރުވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގައި ބައިކޮޅަށް ލަނޑެއްވަދެފައިނުވާއިރު، 14 ގޯލްޖަހާފައިވެއެވެ.
މި ނަތީޖާއާއެކު ބުރު އޮތީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ކުރީގައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ކުޑަ ހެންވޭރު ޔުނައިޓެޑް އޮތްއިރު، ޓެންޓް އޮތީ ހަ ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ބިސް ބުރު އޮތީ ހަތަރުވަނައިގައެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ބަދަލުތަކާއެކު ނިކުމެ ބިސް ބުރު ކޮޅަށް ބުރުން ފުރަތަމަ ލަނޑުޖެހީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ސްޓެފަން ޑުރިޗް އެވެ. އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ވައްދާލި ލަނޑާއެކު ބުރުން މި ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ބުރުގެ ތިންވަނަ ލަނޑުޖެހީ ވެސް ޑުރިޗް އެވެ. އަދި އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ވައްދާލި ލަނޑާއެކު ޑުރިޗް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބުރުގެ ފަސްވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނެޓުގައި ބިސް ބުރުގެ އިބްރާހިމް އީމާއު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ބުރަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ބުރު ދެން ކުޅޭ މެޗުގައި މި މަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9 ޖަހާއިރު ނިކުންނާނީ ޓެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
