މިހާރު ތ. ވިލުފުށީގައި ކުރިއަށްދާ އޭކޭއައިއެލްއެފް 23 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ވިލުފުށި 3-0 އިން ބަލިކޮށް ހިރިލަންދޫ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ހިރިލަންދޫން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ހާސިލްކޮށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ. ހިރިލަންދޫން ކުޅުނު ފުރަތަމަ މެޗުގައި ގަދަފަދަ ތިމަރަފުށި ބަލިކުރީ 4-3 އިންނެވެ.

ވިލުފުށީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހިރިލަންދޫން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ނިޝާހު އެވެ. މި މެޗުގައި އެ ޓީމުން ލީޑްނެގީ 15 ވަނަ މިނެޓުގައި ނިޝާހު ވައްދާލި ލަނޑުންނެވެ. 

ހިރިލަންދޫގެ ދެވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޝިފާން ކާމިޔާބުކޮށްދިންއިރު ނިޝާހު ވަނީ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ނިޝާހު އެވެ.

ވިލުފުށީ ރައިސިން ސްޓަރސް ފޯރ ވިލުފުށި ރެކްރިއޭޝަން (އާރުއެސްވީއާރު) އިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ތިން ޓީމެއް ވާދަކުރެއެވެ. އެއީ ވިލިފުށްޓާއި، ތިމަރަފުށީގެ އިތުރުން ހިރިލަންދޫ އެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްދާ ގޮތުން، ތިން ޓީމުގެ މެދުގައި ކުޅޭ ބުރުގައި ކޮންމެ ޓީމެއް އެއް ފަހަރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ދާނީ ސީދާ ފައިނަލަށެވެ. ސެމީ ފައިނަލް ކުޅެވޭނީ މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ މަގާމަށް ހޮވޭ ޓީމުގެ މެދުގައެވެ. ސެމީގެ މެޗުން މޮޅުވާ ޓީމު ފައިނަލްގައި ނިކުންނާނީ އެއްވަނަ އަށް ހޮވުނު ޓީމާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.

މި މުބާރާތުގެ ސެމީގައި މި މަހުގެ 27 ވާ ބުރާސްފަތު ދުވަހުގެ ހަވީރު 4 ޖަހާއިރު ތިމަރަފުށި ނިކުންނާނީ ވިލުފުށްޓާ ދެކޮޅަށެވެ.