މިހާރު އިންގްލެންޑްގައި ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފަސޭހަކަމާއެކު ސްވިޑެން ބަލިކޮށް އިންގްލެންޑުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން އިންގްލެންޑް މޮޅުވީ 4-0 އިންނެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އަންހެނުންގެ ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ބޮޑު ފައިނަލަކަށް އިންގްލެންޑުން ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އިންގްލެންޑުގެ މިހާރުގެ ކޯޗު ސަރީނާ ވިއެގްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް ބަލިވެފައެއްނުވެއެވެ.

ޝެފީލްޑްގެ ބްރެމޯލް ލޭންގައި ރޭ ކުޅުނު މި މެޗު ފެށިގެން ފުރަތަމަ 25 މިނެޓުގެ ތެރޭގައި ސްވިޑެން އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ކުރީން ލީޑްނެގީ އިންގްލެންޑުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުބާރާތުގެ ރަންބޫޓަށް ވާދަކުރަމުން އަންނަ ބެތު މީޑް އެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި މީޑް އުޅެނީ ހަ ލަނޑުޖަހައިގެންނެވެ. އަދި އެސިސްޓް ޗާޓްގެ އެންމެ ކުރީގައި އޮތީ ވެސް މީޑް އެވެ. އޭނާ ވަނީ ފަސް ލަނޑުޖަހަން އެހީތެރިވެދީފައެވެ.

އިންގްލެންޑުން ލީޑްނެގުމުގެ ކުރީން، ސްވިޑެން އަށް ކުޅެމުން އަންނަ އާސެނަލް ވިމެންސް ޓީމުގެ ފޯވާޑް ސްޓީނާ ބްލެކްސްޓީނިއަސް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ސްވިޑެންގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން އިންގްލެންޑްގެ ލޯރެން ހެމްޕް (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ޔުއެފާ

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އިންގްލެންޑްގެ ދެވަނަ ލަނޑުޖަހައިދިނީ ލޫސީ ބްރޯންޒް އެވެ. މީޑް ދިން ބޯޅައަކުން ބްރޯންޒް މި ލަނޑުޖެހީ ބޮލުންނެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި އިންގްލެންޑުން ކާމިޔާބުކުރި ތިންވަނަ ލަނޑުޖެހީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލެސިއާ ރުސޯ އެވެ. ކުޅެން އެރިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ރުސޯ މި ލަނޑުޖެހީ ބެކްހީލް އަކުންނެވެ.

މި ހާފުގައި ސްވިޑެން އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބްލެކްސްޓެނިއަސް ބޮލުން ފޮނުވާލި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު މޭރީ އާޕްސް ވަނީ ހުއްޓުވާފައެވެ.

މި މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް އިންގްލެންޑްގެ ހަތަރު ވަނަ ލަނޑުޖަހައިދިނީ ފްރޭން ކާރބީ އެވެ. މިއީ ސްވިޑެންގެ ގޯލްކީޕަރު ހެޑްވިގް ލިންޑާލްގެ ބޯމަތިން ގޯލްގެ ތެރެއަށް އޮއްސާލައިގެން ކާރބީ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑް ނިކުންނާނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީގައި ޖަރުމަނާއި ފްރާންސް ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.