ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ 2-1 އިން ފްރާންސް ބަލިކޮށް ޖަރުމަނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި 8 ފަހަރު އުފުލާލައިފައިވާ ޖަރުމަނުން އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންގްލެންޑާ ދެކޮޅަށެވެ.
އިންގްލެންޑްގެ މިލްޓޮން ކީނިސްގެ ސްޓޭޑިއަމް އެމްކޭގައި ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ޖަރުމަނުން ލީޑްނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން އަލެކްސަންޑްރާ ޕޮޕް ކާމިޔާބުކުރި ގޯލުންނެވެ. ޖަރުމަނުގެ ފަހަތަށް ކުޅެމުން އަންނަ ސްވެންޔާ ހޫތު ނަގައިދިން ހުރަހަކުން ޕޮޕް މި ލަނޑުޖެހީ ވޮލީއަކުންނެވެ.
އެކަމަކު، ޖަރުމަނުގެ ލީޑް ދެމެހެއްޓުނީ އެންމެ ހަތަރު މިނެޓަށެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ފްރާންސުން އެއްވަރުކުރި ލަނޑަކީ ޖަރުމަނުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފްރާންސްގެ ފޯވާޑްލައިންގެ ކަނާތް ފަރާތުން ކުޅެމުން އަންނަ ކަޑިޑިއާޓޫ ޑިއާނީ އޭރިޔާބޭރުން ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޖަރުމަނުގެ ކީޕަރު މާލް ފްރޯމްސް ގައިގަ ޖެހިފައެވެ.
އޭގެފަހުން، ފްރާންސް މޮޅުކޮށްދޭން ލިބުނު ތިން ފުރުޞަތެއްގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖަރުމަނުގެ ކީޕަރު ފްރޯމްސް އެވެ. މި މެޗުން ޖަރުމަނު މޮޅުކޮށްދިން ލަނޑު، 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެ ޓީމުގެ ކެޕްޓަން ޕޮޕް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ހޫތު އެވެ. މިއީ ހޫތު ނެގި ހުރަހަކުން ލިބުނު ބޯޅައެއް ޕޮޕް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ޖެހި ދެ ގޯލާއެކު ޕޮޕް ވަނީ މި ފަހަރުގެ މުބާރާތުގެ ރަންބޫޓަށް ވާދަކުރަމުން އަންނަ އިންގްލެންޑްގެ ވިންގާ ބެތު މީޑްއާ އެއްވަރަށް ހަ ލަނޑުޖަހާފައެވެ. އެހެންކަމުން، ފައިނަލް މެޗު ވެގެންދާނީ ރަން ބޫޓަށް ވާދަކުރާ ދެ ކުޅުންތެރިންގެ ކުރިމަތިލުމަކަށެވެ.
