އެފްއޭއެމް ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި މިރޭ 2-0 އިން ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގްރޫޕް ދޭއްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މިރޭގެ މޮޅާއެކު ނިއު އަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ދެވަނައިގައި އޮތް އެލްޓީ ސްޕޯޓްސް އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ކްލަބު ޓީނޭޖް އޮތީ ތިންވަނައިގައެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބު އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ބީޖީ އާއި އެންމެ ފުލުގައި އުޅޭ ލޮރެންޒޯ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ނިއު އިން ރޭގެ މެޗަށް ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު ތޯރިގް ޖެބްރިން ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ނިއު އަށް ލީޑްނަގައިދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މިއީ އެ ޓީމުގެ އާދަމް ޝަހީމް (އާނާ) އަރިމަތިން ނެގި ހުރަހަކުން ލިބުނު ބޯޅައެއް ކޯފީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ނިއު ކުރީގަ އޮވެގެންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑުޖަހައިދިނީ މުހައްމަދު ލިޔާހު އެވެ. މިއީ އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ފަރޫކް ހައިދަރޯވް ދިން ޕާހަކުން ލިޔާހު ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި ނިއު އަށް ދެން އޮތީ އަންނަ އޯގަސްޓް މަހުގެ 1 ވާ ހޯމަ ދުވަހުގެ ހަވީރު 4 ޖަހާއިރު މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.
