އާސެނަލްގެ ކެޕްޓަންގެ މަގާމް ރަސްމީކޮށް މާޓިން އޮޑެގާޑަށް އެ ކްލަބުން ދީފި އެވެ.
ނިމިދިޔަ ސީޒަނުގައި އޭރުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަތުން ބޭންޑް އަތުލުމުން ދެން ކެޕްޓަނަކަށް އައްޔަންކުރި އަލެކްސެންޑަ ލަކަޒޭ ނުކުޅޭ މެޗުތަކުގައި އޮޑެގާޑް ކެޕްޓަންކަން ކުރިއެވެ.
އޮޑެގާޑް، 23، އަކީ ނޯވޭ ގައުމީ ޓީމުގެ ވެސް ކެޕްޓަނެވެ. އެ ޓީމުގެ ކެޕްޓަންކަން އޮޑެގާޑާއި ހަވާލުކުރީ މާރިޗް 2021 ގައެވެ. އޭނާ ވަނީ މިހާތަނަށްއައިއިރު ނޯވޭ ގައުމީ ޓީމަށް 32 މެޗު ކުޅެދީފައެވެ.
2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ބަދަލުވެ، އޮޑެގާޑް ދެއްކި މޮޅު ކުޅުމާއެކު ދެން ޖެހިގެންއައި ސީޒަނަށް ރެއާލް މެޑްރިޑަށް 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އެއް ދެއްކުމަށްފަހު އާސެނަލުން ވަނީ އޭނާ ކޮންޓްރެކްޓް ދާއިމީކޮށްފައެވެ.
އާސެނަލްގެ ޖާޒީގައި އޮޑެގާޑް ވަނީ މިހާތަނަށް ކުޅުނު 60 މެޗުގައި ނުވަ ލަނޑުޖަހާފައެވެ.
