ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ވިދާލިއިރު އެ ޓީމުން 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

މިއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމުން ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ޝީލްޑް ކާމިޔާބުކުރީ 2006 ވަނަ އަހަރު އެވެ. މީގެއިތުރުން، ލިވަޕޫލުން ވަނީ 16 ފަހަރު ޝީލްޑް މެޗު ކާމިޔާބުކޮށް ދެވަނައިގައި އުޅޭ އާސެނަލްއާ އެއްވަރުކޮށްފައެވެ. މި ދެ ޓީމަށް ވުރެ ގިނައިން ޝީލްޑް އުފުލާލައިފައިވަނީ މެންޗެސްޓާ ޔުނައިޓެޑް (21) އެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނިކުތީ އެ ޓީމުގެ އެއްވަނަ ކީޕަރު އެލިސަން ބެކާގެ ބަދަލުގައި އެޑްރިއާން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެލިސަން އަށް އަނިޔާވީ ޕްރީ-ސީޒަންގައި ވާދަވެރި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެލިސަންގެ އިތުރުން އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ޑިއޯގޯ ޔޮޓާ ވެސް ހުރީ އަނިޔާގައެވެ. އަނެއް ކޮޅުން ލިވަޕޫލުން މިރޭގެ މެޗަށް ނިކުތްއިރު، ބެންފީކާ އިން ބޮޑު އަގުގައި ގެނައި ނޫނޭޒް އިނީ ބެންޗުގައެވެ. ސިޓީން މިރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ނުލައެވެ.

ލެސްޓާގެ ކިިންގް ޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. މިއީ އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިން ޕާހަކުން އާނޯލްޑް ކާމިޔާބުކުރި ގޯލެކެވެ. ޕެނަލްޓީއޭރިޔާ ބޭރުން އާނޯލްޑް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ބޮލުގައި ޖެހިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ލިބުނު ދެ ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން ކައިރިން ދެމިގަތުމަށްފަހު ތިރިތިރިން ފޮނުވާލި ބޯޅަ އެޑްރިއަން ހުއްޓުވިއިރު، ބެނާޑޯ ސިލްވާ ނެގި ހުރަހަކުން ލިބުނު ބޯޅައިގައި ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން ދެވަނަ ފަހަރަށް އެ ބޯޅަ ރިޔާދް މާރޭޒް ފޮނުވާލުމުން އުނދަގުލެއްނެތި އެޑްރިއަން މަތަކުރިއެވެ.

ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް (ކ) ސިޓީގެ ގޯލަށް އަމާޒުކޮށް ބޮލުން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގައި ލިވަޕޫލުން ނޫނޭޒް ކުޅެން ނެރުމާއެކު އޭނާ އަށް ލިބޭ ބޯޅަތަކުގައި ސިޓީގެ ޑިފެންސަށް ދިޔައީ ބާރުބޮޑުކުރަމުންނެވެ. އޭނާ ކުޅެންއެރިތާ މާގިނަ އިރެއް ނުވަނީސް ލިބުނު ފުރުޞަތުގައި ހުހަށްހުރެ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ސިޓީން އެއްވަރުކުރި ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. މިއީ އެ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ފިލް ފޯޑެން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެޑްރިއާން މަތަކުރުމުން ދެވަނަ ފަހަރަށް އަލްވަރޭޒް އަށް އެ ބޯޅަ ލިބުމުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ލިވަޕޫލަށް އަލުން ލީޑްނަގައިދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތް މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ސަލާހު ކާމިޔާބުކުރި ގޯލުންނެވެ. މިއީ ސަލާހު ދިން ބޯޅައަކުން ނޫނޭޒް ބޮލުން ފޮނުވާލި ބޯޅަ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ސިޓީގެ ކެޕްޓަން ރުބެން ޑިއާސް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ނޫނޭޒް ވަނީ ލިވަޕޫލަށް މި މެޗުން މޮޅު ކަށަވަރުކޮށްދީފައެވެ. ރޮބަޓްސަން ބޮލުން ދިން ޕާހަކުން ނޫނޭޒް މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ނޫނޭޒް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މިރޭގެ މެޗާއެކު ކޮމިއުނިޓީ ޝީލްޑް އުފުލާލުމުން ލިވަޕޫލްގެ ކޯޗު ކްލޮޕް މިވަނީ އިނގިރޭސި އެއްވަނަ ޑިވިޝަނުގެ ޓީމުތައް ކުޅޭ ޑޮމެސްޓިކް ހަތަރު މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. ޝީލްޑްގެ އިތުރުން ކްލޮޕް ވަނީ ޕްރިމިއާ ލީގާއި، ލީގު ކަޕް އަދި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ލިވަޕޫލާއެކު އުފުލާލައިފައެވެ. އެކަމަކު، ކްލޮޕް އާއެކު ޔުރޮޕާ ލީގުގެ ފައިނަލްގައި އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބީ އެވެ.