މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ޓެންޓް ސްޕޯޓްސް ކްލަބު އަތުން 1-0 އިން ހޯދީ މޮޅާއެކު ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ބުރު މޮޅުވި ފަސްވަނަ މެޗެވެ. މިހާތަނަށްއައިއިރު ސައްތައިިން ސައްތައިގެ ރެކޯޑެއް އޮތީ ބުރުގެ އިތުރުން ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން އެކަންޏެވެ.

މިރޭގެ މެޗުން ހޯދީ މޮޅާއެކު ބުރު ވަނީ 15 ޕޮއިންޓާއެކު ގްރޫޕް ދޭއްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްނަގާފައެވެ. އެ ޓީމަށް ބާކީ އޮތް ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެން ސެމީން ޖާގަ ލިބޭނެ އެވެ. ދެވަނައިގައި އޮތް ކުޑަ ހެންވޭރު ޔުނައިޓެޑަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ހަތަރުވަނައިގައި އޮތް ޓެންޓާއި، ފަސްވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން ހަވަނައިގައި އޮތް ކްލަބް ޕީކޭ އަދި ހަތްވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ކެޕިޓަލް ސިޓީ ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބުރު ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ޕަސަމާނީ އެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބުރު ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ނިކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އެއަށްފަހު ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނާނީ ޕީކޭއާ ދެކޮޅަށެވެ.