އާތުރައިޓިސް ނުވަތަ ރާއްޖެބައްޔޭ މިކިޔާ ބައްޔަކީ ހުޅުހުޅުގައި ރިއްސުމާއި ހުޅުހުޅު ދުޅަވުން މެދުވެރި ކުރުވާ ބައްޔެކެވެ. މިއީ ވަކި އުމުރަކަށް އެކަނި ޖެހޭ ބައްޔެއް ނޫނެވެ. އަހަރެމެންނަށް ހީވެފައި އޮންނަނީ އާންމުކޮށް މިއީ އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއް ކަމަށެވެ. ނަމަވެސް މިއީ ކުއްޖާ އެންމެ ތުއްތު ދުވަސްވަރުގައިވެސް ޖެހިދާނޭ ބައްޔެކެވެ.
އާތުރައިޓިސްގެ މައިގަޑު ދެވައްތަރެއް ވެއެވެ. އެއީ އޮސްޓިއޯ އާތުރައިޓީސް އާއި ރިއުމަޓޮއިޑް އާތުރައިޓިސް އެވެ.
އޮސްޓިއޯ އާތުރައިޓިސް އަކީ އެންމެ އާންމު ވައްތަރެވެ. އިނގިރޭސި ވިލާތުގެ ދިރާއަކުން ދައްކާ ގޮތުގައި އެގައުމުގެ 9 މިލިއަން މީހުން ތަހައްމަލު ކުރަމުންދަނީ އާތުރައިޓިސްގެ މި ވައްތަރެވެ. (އޮސްޓިއޯ އާތުރައިޓީސްއެވެ). ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެއެވެ. ނަމަވެސް އޮސްޓިއޯ އާތުރައިޓިސް ޖެހުމުގެ ފުރުސަތު ބޮޑި އުމުރުން ދުވަސްވީ މީހުންނަށެވެ. މި ބަލީގައި ފުރަތަމަ ވާގޮތަކީ ހުޅުހުޅުގައި ހުންނަ މަޑުކަށިތަކަށް އަސަރުކުރުމެވެ. މިކަމުގެ ސަބަބުން ހުޅުހުޅު ހަރަކާތްކުރުމަށް އުނދަގޫވެއެވެ. ތަދުވެ ދުޅަވެ އަދި ބައެއްފަހަރަށް ހުޅުތެރެ ގާވެ ނުވަތަ ހަރުވެފައިވާ ކަމުގެ އިހުސާސްތަކެއް ކުރެވެއެވެ.
ހުޅުތަކުގައި ހުންނަ ކށިތަކުގެ މަޑުކަށިތަކަށް ކުރާ އަސަރުގެ ސަބަބުން އެ މަޑު ކަށިތައް ހަލާކުވާ ގޮތް ވެއެވެ. ނުވަތަ ގޭނި ގޭނި ތުނިވާގޮތްވެއެވެ. މިފަދައިން އެ މަޑުކަށިތައް ތުނި ވުމުން، ހުޅުތެރޭގހެ މަސްތަކާއި މަސްތަކުގެ ހަރު ވާފަށްތަކުން ކުރަން ޖެހޭ މަސައްކަތް ބުރަވެގެން ދެއެވެ. މިކަމުގެ ސަބަބުން ހުޅުތެރެ ދުޅަވާގޮތް ވެއެވެ. އަދި ބައެއްފަހަރަށް މަޑުކަށިކޮޅުގެ މަތިން އެހެން ކަށިކޮޅެއް ރޯވެ ހެދެން ފަށައެވެ. މިއަށް ބޯނީ ސްޕާސް އޭ ކިޔައެވެ. މަޑުކަށިތައް އެއްކޮށް ގޭނި ހުސްވެފައިވާނަމަ، ދެން ގޭނެންފަށާނީ ސީދާ ކައްޓާއި ކައްޓެވެ. މިއީ ވަރަށް ވޭންހުރިކަމެކެވެ. މިކަމުގެ ސަބަބުން ހުޅުތެރޭގެ ކަށިތަކުގެ ސިފަ ގެއްލޭގޮތްވެސް މެދުވެރިވެފައި އެބަހުއްޓެވެ. އޮސްޓިއޯ އާތުރައިޓިސްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ހުޅުތަކަކީ އަތުގެ ހުޅުތަކާއި މައިބަދައިގެ ހުޅުތަކާއި އުނަގަނޑާއި ކަކުލެވެ.
ރިއުމަޓޮއިޑް އާތުރައިޓިސްއޭ މިކިޔާ ވައްތަރުގެ އާތުރައިޓިސް ޖެހުމުގެ ފުރުސަތު ބޮޑީ އަންހެނުންނަށެވެ. ނަމަވެސް މިއީ ފިރިހެނުންނަށްވެސް ޖެހިދާނެ ވައްތަރެކެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ގުޅިފައިވާ ވައްތަރެކެވެ. މި ވައްތަރުގައި ހަށިގަނޑުގެ ދިފާއީ ނިޒާމު، ހުޅުތެރޭގައި "މުޒާހަރާ" އެއް ކުރެއެވެ. އެކަމުގެ ސަބަބުން ހުޅުގެ ބޭރު ފަށަލަ (ސައިނޯވިއަމް) އަށް ފުރަތަމަ އަސަރު ކުރެއެވެ. އެއަށްފަހު މުޅި ހުޅުތެރެއަށް މި އިންފެކްޝަން ފެތުރެއެވެ. އަދި ހުޅުތެރެ ދުޅަވެ ކަށީގެ ސިފަ ބަދަލުވެ ދެއެވެ. ނަތީޖާއެއްގެ ގޮތުން މަދުކަށިތައް ހަލާކުވެއެވެ. ރިއުމަޓޮއިޑް އާތުރައިޓީސް ހުންނަ މީހުން ހަށިގަނޑޫގެ އެހެން ގުނަންތަކުގެ އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ޖުމުލަކޮށް ދެ ވައްތަރުގެ އާތުރައިޓިސްގައިވެސް ފެންނާނި އެއްވައްތަރެއްގެ އަލާމާތްތަކެކެވެ. އޭގެތެރޭގައި ހުޅުހުޅުގައި ރިއްސުމާއި ހަރަކާތްކުރަން އުނދަގޫވުން ހިމެނެއެވެ. ހުޅުހުޅުގައި އިންފެކްޝަން ހެދި ދުޅަވެއެވެ. ބައެއް ހާލަތްތަކުގައި ހަމަ އެއްގޮތަކަށްވެސް ހަރަކާތް ނުކުރެވި ހުރެދާނެއެވެ. ހުޅުހުޅުގެ މަތިން، ހަންގަނޑުގައި ހޫނުކަމެއް ހުރެދާނެއެވެ. އަދި އެ ހުޅަކާއި އެންމެ ކައިރީގައި ހުންނަ މަސްތަކުގެ ބާރު ދަށްވެދާނެއެވެ.
މިއީ އަހަރެމެންގެ ތެރޭގައި އާންމު އާތުރައިޓިސްއާއި ބެހޭ ބައެއް މައުޅުމާތުތަކެވެ. އަދިވެސް މި މައުލޫގައި ދެއްކޭނޭ ކިތަންމެ ވާހަކައެއް ހުންނާނެއެވެ. މައިގަނޑުކޮށް މި ބަލާލެވުނީ އާތުރައިޓިސްގެ ދެ ވައްތަރާއި، ފެނިދާނޭ ބައެއް އަލާމާތްތަކަށެވެ.
