މިހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ އިތުރުވަގުތުގައި 2-1 އިން ޖަރުމަން ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލާލައިފިއެވެ.

މިއީ އިންގްލެންޑްގެ ކޯޗު ސަރީނާ ވިއެގްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިނުވެ ނިންމާލީ 20 ވަނަ މެޗެވެ. އަނެއްކޮޅުން މިރޭގެ މެޗު ކާމިޔާބުކޮށް ވިއެގްމަން ވަނީ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީޚުގެ ތެރެއަށް ދަތުރުކޮށްފައެވެ. އޭނާ ވަނީ ޖެހިޖެހިގެން ޔޫރޯގެ ދެ މުބާރާތް ތަފާތު ދެ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައެވެ. 2017 ވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ ނެދަލެންޑްސް އިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކޯޗަކީ ވިއެގްމަން އެވެ.

ޖަރުމަނުން މިރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ކެޕްޓަން އަލެކްސަންޑްރާ ޕޮޕް އަށް އަނިޔާގެ ސަބަބުން ނުކުޅެވެއެވެ. އިންގްލެންޑުން މިރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ސެމީ ފައިނަލްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރެކޯޑް އަދަދެއް ކަމަށްވާ 87،192 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި އިންގްލެންޑްގެ ފޯވާޑް އެލެން ވައިޓް އަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ފުލްބެކް ލޫސީ ބްރޯންޒް ބޮލުން ފޮނުވާލި ބޯޅަ ޖަރުމަނުގެ ގޯލްކީޕަރު މާލް ފްރޯމްސް މަތަކުރިއިރު، އެ ޓީމުގެ ލީނާ މަގުލް ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މީގެއިތުރުން، ޖަރުމަނުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް އިންގްލެންޑްގެ ކެޕްޓަން ލިއާ ވިލިއަމްސަން ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.

އިންގްލެންޑުން މި މެޗުގައި ލީޑްނެގީ 62 ވަނަ މިނެޓުގައި އެލާ ޓޫން ވައްދާލި ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓޫން މި ލަނޑުޖެހީ އެ ޓީމުގެ ކެއިރާ ވޯލްޝް ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވާން 11 މިނެޓަށްވެފައިވަނިކޮށް ޖަރުމަނަށް އެއްވަރުކޮށްދިނީ މަގުލް އެވެ. މިއީ އެ ޓީމުގެ ޓަބިއާ ވާސްމުތު ދިން ބޯޅައަކުން މަގުލް ކާމިޔާބުކުރި ގޯލެކެވެ. ޖަރުމަނުން މި ލަނޑުޖެހުމާއެކު ދެ ޓީމުން މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފައެވެ. އިންގްލެންޑުން އަލުން ލީޑްނެގީ އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ކްލޯއީ ކެލީ ކާމިޔާބުކުރި ގޯލުންނެވެ.

ކަކުލު ހުޅުގެ އޭސީއެލް އިންޖަރީއަކުން ރަނގަޅުވެ، މިދިޔަ އޭޕްރީލް މަހު ދަނޑަށް ނިކުތް ކްލޯއީ މިރޭގެ މެޗުގައި ކުޅެން އެރީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ބެތު މީޑް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ.

މިރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އެވޯޑް ދިންއިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ އުއްމީދީ މިޑްފީލްޑަރު ލީނާ އޮބާޑޯފް އެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް ހާސިލްކުރީ އިންގްލެންޑްގެ މީޑް އެވެ. އޭނާގެ އިތުރުން ޖަރުމަނުގެ ކެޕްޓަން ޕޮޕް ވެސް ވަނީ ހަ ލަނޑުޖަހާފައެވެ. މީޑް އަށް ކުރިލިބުނީ އިތުރު ފަސް ލަނޑުޖެހުމަށް އެހީތެރިވެދީފައިވުމުންނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މީޑް އެވެ.

މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސްޓް ޖާމަނީ ބަލިކޮށް އިންގްލެންޑްގެ ފިރިހެން ފުޓްބޯޅަ ޓީމުން ތަށި އުފުލާލިފަހުން އެ ގައުމަށް ނިސްބަތްވާ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަކުން ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.