ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗުގައި ރޭ ނޯންޓްސް އަތުން 4-0 އިން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގެ 41 ވަނަ ތަށި އުފުލާލައިފިއެވެ.

ރޭގެ މެޗަކީ ޕީއެސްޖީގެ އައު ކޯޗު ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މިދިޔަ އަހަރު ކުޅެވުނު ސުޕަ ކަޕް މެޗުގައި ލިއްލެ އަތުން ޕީއެސްޖީ ވީ ބައްޔެވެ. އޭގެކުރިން، ކުޅުނު ސުޕަ ކަޕްގެ 8 މެޗު ވެސް ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.

ޓެލް އަވީވްގައި ހުންނަ ބްލޫމްފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދިނީ މެސީ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ދިން ބޯޅައަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ނޭމާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ޕީއެސްޖީގެ ތިންވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. މިއީ މެސީ ފޮނުވާލި ބޯޅައެއް ނޯންޓްސްގެ ގޯލްކީޕަރު އަލްބާން ލަފޯން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ރާމޯސް އަށް ލިބުމުން ބެކްހީލް ކިކަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ނޭމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނޭމާ އަށް ނޯންޓްސްގެ ޑިފެންޑަރު ޖިއާން-ޗާލްސް ކަސްޓެލޭޓޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލަށް ކަސްޓެލޭޓޯ އަށް ރެފްރީ ވަނީ ސީދާ ރަތެއް ދައްކައިފައެވެ.
މިއީ ޕީއެސްޖީ އާއެކު މެސީ ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. އަދި އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 41 ވަނަ މުބާރާތެވެ.