މީގެ ދުވަސްކޮޅެއް ކުރިން ޕެސިފިކް ކަނޑުގެ މަތިން ދަތުރުކުރި މަތިންދާބޯޓަކަށް އެ ކަނޑާއި ދިމާ، ވިލާތަކުގެ މަތިން އާދަޔާ ހިލާފު ރަތް އަލިގުޅަ ތަކެއް ވަނީ ފެނިފައެވެ. ޕެސިފިކް ކަނޑުގެ 31000 ފޫޓު މަތިން، އެ މަތިންދާ ބޯޓުގެ ޕައިލެޓުން ނަގާފައިވާ ފޮޓޯ ތަކަކާއި ވީޑިއޯތަކެއް ވަނީ މީސްމީޑިޔާގައި އާންމުވެފައެވެ.

އެއާއި އެކު މި އާދަޔާ ހިލާފު ރަތްކުލައިގެ އަލިގުޅަތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ފެންނަ ފެނުމަށް އެއީ ބިރުވެރި މަންޒަރެކެވެ. މިފަދަ އާދަޔާ ހިލާފު ކަންތައްތަކާއި ގުޅިގެން ގިނަ މީހުން އެކަމުގެ މައްޗަށް ތަފާތު ހިޔާލުތައް ކުރެއެވެ. އެގޮތުން އެ އަލިގުޅަ ތަކަކީ އޭލިއަލް އަތެއް ކަމަށް ބައެއް މީހުން ބުނަމުން ދިޔައިރު، ރޫހާނީ ކަންތައް ތަކެއް ކަމަށްވެސް ބަޔަކު ބުނަމުން ދިޔައެވެ. އަދި އެއީ ދުނިޔެ ފަހަށް އައިސް ފެނިދާނޭ ގޮތް ނޭނގޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށްވެސް ބައެއްމީހުން ބުނަމުން ދިޔައެވެ.

މި އަލިތަކާއި މެދު ހައިރާންވެ އަޖައިބު ވެފައި ތިބި ގިނަބަޔަކަށް މި އަލިތަކާ ބެހޭ އެހެން ވާހަކައެއް މޫސުމާ ބެހޭ ތަޖުރިބާކާރަކު މިވަނީ ހާމަކޮށްފައެވެ. މޫސުން ދިރާސާ ކުރުމުގެ ތަރުޖިބާކާރު ނެއިލް ޖެކޯބް ބުނާގޮތުގައި މި އަލި ތަކަކީ ޕެސިފިކް ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ބޮޑެތި އުޅަނދު ތަކަކުން ދިއްލާފައިވާ އަލިތަކެކެވެ. އެބައިމީހުން މަސްވެރިކަމުގައި ވަރަށް ވަރުގަދަ ރަތް އައްޔެއް ބޭނުން ކުރެއެވެ. އެ ދުވަހުގެ މޫސުމާއި އުޑުގައި ވިލާހުރި ގޮތުންނާއި އިރުގެ ދޯދި ހުރިގޮތުން އެ އަލިތަކުގެ ރައްދު އަލި ވިލާތަކަށް އެޅުމުން އެ އަލި އެގޮތަށް ފެނިދާނޭ ކަމަށް ޖެކޯބް ބުނެއެވެ. އަދި އެ މަންޒަރު ފެނުނު ވަގުތާއި ކަނޑުގެ އުޅަނދު ތަކުގެ ދަތުރުހުރި މިސްރާބު ބަލާ ނިޒާމަކުން ބެލި ބެލުމުގައި އެ ނިޒާމުގައި ރަޖިސްޓާރ ވެފައިވާ ތިން އުޅަނދެއް އެ ސަރަހައްދުގެ ކަނޑުގައި އުޅެފައި ވެއެވެ.

މި ރަތް އަލި ކަނޑަށް އަޅުވަނީ މަސްވެރިކަމަށް ބޭނުންވާ ކުދި އެން ހޯދުމަށް ކަމަށްވެސް ޖެކޯބް ވަނީ ބުނެފައެވެ. ޖެކޯބް މިހެން ބުނި ނަމަވެސް އަދިވެސް މިކަމުގެ މައްޗަށް ބަހުސްކުރާ މީހުން ތަފާތު އެކި ވާހަކަތައް ދައްކައެވެ. ޖެކޯބް ގެ މި ނަޒަރިއްޔާއަކީ މިކަމުގައި ވުން ވަރަށް ގާތް ގޮތެއް ކަމަށް ގިނަ ދިރާސާވެރިން ބުނެއެވެ.